ދަށު ކޯޓުތަކުގައި ޖިނާއީ މައްސަލަތައް ބަލާ ފަނޑިޔާރުން ދެ މަހަށްވުރެ ދިގު މުއްދަތަކަށް ސަސްޕެންޑުކޮށްފިނަމަ، ނުވަތަ ދިގު މުއްދަތަކަށް ޗުއްޓީއަށް ނުވަތަ ތަމްރީނު ޕްރޮގްރާމަކަށް ހިނގައްޖެނަމަ، ޖިނާއީ މައްސަލަތައް ބެލުން އެހެން ފަނޑިޔާރުންނާ ހަވާލުކުރެވޭ ގޮތަށް، ޝަރީއަތްކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު އިސްލާހުކޮށްފިއެވެ.
މިއަދުން ފެށިގެން އަމަލު ކުރާ އެ އުސޫލުގައި ބުނެފައިވަނީ މިހާރު އެކުލަވާލާފައިވާ އިސްލާހުތަކުގައި ހިމެނޭ ފަދަ ކަމެއް ދިމާވެއްޖެ ނަމަ އެ މައްސަލައެއް ބެލުން، އެ ކޯޓުގެ ނޫނީ އެހެން އިދާރާއެއްގެ ފަނޑިޔާރަކާއި ހަވާލު ކުރުމުގެ އިހުތިޔާރު އެ ކޯޓެއްގެ އިސް ފަނޑިޔާރަށް، މެޖިސްޓްރޭޓް ކޯޓެއް ނަމަ ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓަށް ލިބިގެންވާ ކަމަށެވެ.
އެގޮތުން ޖިނާއީ މައްސަލަ ބެލުން އެހެން ފަނޑިޔާރަކާއި ހަވާލު ކުރެވޭނެ ކަމަށް ގަވާއިދުގައި ވަނީ
- ޝަރީއަތް ހިނގަމުން ދަނިކޮށް، ނުވަތަ ޝަރީއަތުގެ އަޑުއެހުން ނިމި ހުކުމް އިއްވަންވެފައި ވަނިކޮށް، މައްސަލަ ބަލާ ފަނޑިޔާރު މަރުވުން ނުވަތަ ފަނޑިޔާރުކަމުން ވަކިވުން ނުވަތަ ވަކިކުރުން.
- މައްސަލަ ބަލާ ފަނޑިޔާރު އެއްވެސް، ސަބަބަކާހުރެ ދިގު މުއްދަތަކަށް ޗުއްޓީއަކަށް ދިއުން
- މައްސަލަ ބަލާ ފަނޑިޔާރު ދިގު މުއްދަތަކަށް ތަމްރީން ޕްރޮގްރާމަކަށް، ވީއްލާފައިވުން.
- ޝަރީއަތް ފެށުމުގެ ކުރިން މެދުވެރިވެފައިނުވާ ނުވަތަ އެނގިފައިނުވާ އެ ފަނޑިޔާރެއްގެ މަސްލަހަތު ފުށުއަރާ ކަމެއް އޮތުން.
- ފަނޑިޔާރަކާ ހަވާލުކުރެވިފައިވާ މައްސަލައަކުން އެ ފަނޑިއާރަކު ތަނާޒުލުވާންޖެހޭ ސަބަބުތަކުގެ ތެރެއިން ސަބަބެއް އޮވެ، އެ ސަބަބު ފަނޑިޔާރު ހާމަކޮށްފައި، "ނުވުން ނުވަތަ މައްސަލައިން ތަނާޒުލުވެފައިނުވުން.
- މައްސަލަ ބަލާ ފަނޑިޔާރަކު ދެ މަސްދުވަހަށްވުރެ ދިގު މުއްދަތަކަށް ފަނޑިޔާރުކަމުން ސަސްޕެންޑު ކުރުން.
- ޝަރުއީ ވަފުދެއް ކަނޑައަޅާ ހާލަތުގައި ޝަރުއީ ވަފުދުން، މައްސަލަ ބެލުމަށް ނިންމުން އެއް ހާދިސާއެއްގެ މައްޗަށް، އެއް ހެކިންތަކެއް ހިމެނޭ މައްސަލައެއް ކޯޓުގެ ދެ ސެކްޝަނެއްގައި ހިނގަމުންދާކަން ފާހަގަކުރެވިއްޖެނަމަ އެ ދެ މައްސަލަ އެއް ސެކްޝަނަކުން ބެލުމަށް ނިންމުން ނުވަތަ އެއް ހާދިސާއެއްގެ މައްޗަށް އެއް ހެކިންތަކެއް ހިމެނޭ އިސްތިއުނާފީ، މައްސަލައެއް ކޯޓުގެ ދެ ބެންޗަކުން، ބަލަމުންދާކަން ފާހަގަކުރެވިއްޖެނަމަ އެ ދެ މައްސަލަ އެއް ބެންޗަކުން ބަލާގޮތަށް ކަނޑައެޅުން.
މީގެ ކުރިން ނަމަ، އެހެން ފަނޑިޔާރަކާ ޖިނާއީ މައްސަލައެއް ހަވާލުކުރެވޭނީ، މައްސަލަ ބަލާ ފަނޑިޔާރު މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑުކޮށްފައި އޮތުމުން، ނުވަތަ މަގާމުން ވަކިކުރުމުން، ނުވަތަ މައްސަލައެއް ބެލުމުން ފަނޑިޔާރަކު ތަނާޒުލުވާން ޖެހޭ ހާލަތްތަކުގައެވެ.
