ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް ކުރީގެ ދެ ވަޒީރުން ކަމަށްވާ އާދަމް ޝަރީފް އުމަރާއި ތޯރިގު އިބްރާހީމްގެ އިތުރުން ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު އައްޔަންކުރައްވައިފިއެވެ.
މި ތިން ބޭފުޅުން ވެސް މަގާމަށް އައްޔަން ކުރެއްވުމާ ގުޅިގެން މިހާރު ވަނީ ފޮރިން މިނިސްޓްރީއަށް ނުކުންނަވަން ފައްޓަވައިފައެވެ.
ކުރީގެ މިނިސްޓަރު އާދަމް ޝަރީފް އުމަރަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގައި ސިޓީސްތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ބެހޭ މިނިސްޓްރީގެ މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. ތޯރިގް އިބްރާހިމް ވަނީ ޓޫރިޒަމް މިނިސްޓަރުކަން ކުރައްވާފަ އެވެ.
މި ދެ ބޭފުޅުން ވެސް މިނިސްޓަރުކަން އިސްތިއުފާ ދެއްވީ ރައްޔިތުން އެދިވަޑައިގަންނަވާގޮތަށް ސަރުކާރު ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުޞަތު ދެއްވުމުގެގޮތުންނެވެ. އެއީ މި މަހުގެ 14 ވަނަ ދުވަހު އެވެ.
މި ދެ ބޭފުޅުން ހިމެނިވަޑައިގަންނަވާހެން އެ ދުވަހު 10 މިނިސްޓަރަކު އިސްތިއުފާ ދެއްވި އެވެ.
އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް ދެން އައްޔަނު ކުރެއްވި ފާތިމަތު ދިޔާނާ ސަޢީދަކީ ކުރީގެ ބަންޑާރަ ނާއިބެވެ. އެކަމަނާ އެ މަގާމު ފުުރުއްވާފައި ވަނީ ރައީސް ޑރ. މުޙައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގަ އެވެ.

