ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ޓެކްސީ ކިޔޫ ސަރަހައްދުގައި ހަމަނުޖެހުން ހިންގި މައްސަލައެއް ބަލަމުންދާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ ޓެކްސީ ކިއު ސަރަޙައްދުގައި ދެ ބައެއްގެ ދެމެދު ހަމަނުޖެހުން ހިންގާ، ޒުވާބުކުރި ކަމުގެ މަޢުލޫމާތު މިމަހުގެ 9 ވަނަ ދުވަހުގެ ރޭ 12:15 އެހައިކަންހާއިރު ލިބިފައިވާ ކަމަށެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، ޓެކްސީ ކިޔޫ ސަރަހައްދުގައި ހަމަނުޖެހުން ހިންގި ކަމަށް ތުހުމަތުކުރެވޭ މީހުން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައިވާ ކަމަށެވެ. އަދި އެ މީހުންގެ ފަރާތުން މައުލޫމާތު ސާފުކުރުމަށްފަހު، އެފަދަ ކަންކަން ތަކުރާރު ނުކުރުމަށް ނަސޭހަތްތެރިވެފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.
އެއާޕޯޓުގެ ޓެކްސީ ކިޔޫއަކީ އާންމުކޮށް ގިނަ އަދަދެއްގެ ފަތުރުވެރިންނާއި ދަތުރުވެރިން ހިދުމަތް ހޯދުމަށް މަޑުކޮށްގެން ތިބޭ ސަރަހައްދަކަށް ވާއިރު، އެތަނުގައި ހަމަނުޖެހުން ހިންގި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް ފުލުހުން ބުނެއެވެ.
