logo

މާލޭގެސްކޭޓް ބޯޑިން ޕާކާއެކު އެރީނާ ރަސްމީކޮށް ހުޅުވައިފި

އާމިނަތު މޫސާ
4 ގަޑިއިރު ކުރިން

މާލޭގެ އުސްފަސްގަނޑު ސަރަހައްދުގައި ސަރުކާރުން ތަރައްގީ ކުރި ސްކޭޓް ޕާކާއެކު އެރީނާ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.

ހަވީރު އުސްފަސްގަނޑު ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސްގެ ދެމަފިރިކަނބަލުންނެވެ. އެ ރަސްމިއްޔާތުގައި ސްކޭޓިން ރިންގު ބޭނުންކުރާ ގިނަ އަދަދެއްގެ ކުޑަކުދިން ބައިވެރިވެފައިވެއެވެ. އެ ކުދިންނާއެކު ރައީސްވަނީ ފޮޓޯގަނޑެއް ނަންގަވާފައެވެ.

މިއީ ސްކޭޓަރުންނަށް މިފަދަ އެރީނާއެއް ތަރައްގީކޮށް ހުޅުވި ފުރަތަމަ ފަހަރެވެ. 10،000 އަކަފުޓޫގެ މި ސްކޭޓް އެރީނާގައި އިންލޭންޑް ސްކޭޓިންއަށް ހާއްސަ ކުރެވިފައިވާ ސްކޭޓް ޕާކް އަކާއި ސްކޭޓް ބޯޑިން އަށް ހާއްސަ ސަރަހައްދުވެސް ތަރައްގީކޮށްފައި ވެއެވެ.

މާލޭގެ އުސްފަސްގަނޑު ސަރަހައްދުގައި ތަރައްގީކުރި ސްކޭޓް އެރީނާގެ ބިންގާ އެޅީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހެވެ. މި ސްކޭޓް އެރީނާ އަޅަން ހަވާލުކޮށްފައި ވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރްސީސީ) އާއެވެ.

މި ރަސްމިއްޔާތުގައި ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވީ، މި ސްކޭޓް ރިންގުގެ މަސައްކަތް ތިން މަސް ތެރޭގައި ނިންމިއިރު، ޖެހިގެން އޮތް ސަރަހައްދުގައި ސްކޭޓް ބޯޑު ދުއްވާނެ އެރީނާއެއް ގާއިމް ކުރެވިގެން ދިޔައީ މުޅި ޖުމްލަ ފަސް މަސް ތެރޭގައި ކަމަށެވެ. ވަޒީރު ވަޒީރު ވިދާޅުވީ، މި ޕާކާއެކު ބައިނަލްއަގުވާމީ ފެންވަރުގެ މުބާރާތްތައް ރާއްޖޭގައި ބޭއްވުމަށް މަގުފަހިވާނެ ކަމަށެވެ. އަދި ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދަކުރެވޭ މިންވަރަށް ޒުވާން އެތުލީޓުންގެ ހުނަރުތައް ތަރައްގީކުރުމަށްވެސް މަގުފަހިވާނެ ކަމުގައި ވިދާޅުވިއެވެ.

މިއީ މާލޭ ސަރަހައްދުގައި މި ކުޅިވަރަށް ހާއްސަކުރެވިގެން ހުޅުވުނު މިފަދަ ފުރަތަމަ އެރީނާއެވެ. ސްކޭޓިންއަކީ ރާއްޖޭގައި ކުރިއަރަމުން އަންނަ ކުޅިވަރަކަށްވާތީ ބައެއް ރަށްރަށުގައި ސްކޭޓިން ޕާކުތައް ތަރައްގީކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.

އަދި މި މަޝްރޫއަށް ބިން ހަމަޖައްސަވައި، އެ މަޝްރޫއު އަވަސްކުރުމަށް ބޭނުންވި ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދެއްވައި މަގުކޮށައިދެއްވީތީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒަށް ވަޒީރު ޝުކުރު އަދާކުރެއްވިއެވެ. އަދި އާރްސީސީއާއި ވުޒާރާގެ މުވައްޒަފުންގެ މަސައްކަތް ފާހަގަކުރައްވަމުން ވަޒީރުވަނީ ޝުކުރު އަދާކުރެއްވިއެވެ.

ad