logo

ދެ އިންތިހާބު އެކުގައި ބޭއްވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް: ގާސިމް

އާމިނަތު މޫސާ
9 ގަޑިއިރު ކުރިން

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ގާސިމް އިބްރާހީމް ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 2008 ގެ ރިޔާސީ އިންތިހާބަށްފަހު ރާއްޖޭގެ ސިޔާސީ މަޝްރަހުގައިކަން ހިނގާފައިވާ ގޮތަށް ބަލާއިރު ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަކީ ކޮންމެހެންވެސް ކުރަންޖެހޭކަމެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.

ވެރިކަމަށް އައުމަށްފަހު ކޮންމެ ސަރުކާރަކުންވެސް މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް މަސައްކަތްކުރާ ކަމަށާއި 2019 އަދި 2023 ގެ އިންތިހާބުގައި މަޖިލީހުގެ ހަތަރުބައިކުޅަ ތިންބައި ގޮނޑި ވެރިކަން ހިންގާ ޕާޓީއަށް ރައްޔިތުން ދީފައިވާ ކަމަށް ގާސިމް އިބްރާހީމް ވިދާޅުވި އެވެ.

މިހާރު އޮތް ގޮތުން ރައްޔިތުން ފަސް އަހަރުގެ މުއްދަތަށް ރައީސުލްޖުމްހޫރިއްޔާ ކަމަށް އިންތިހާބު ކުރާފަރާތަށް މަޖިލީހުގެ މެޖޯރިޓީ ހޯދަން ވެރިކަމުގެ ފުރަތަމަ ހަ މަސްދުވަސް އެކަމުގައި ހޭދަކުރަންޖެހޭކަން ފާހަގަކުރައްވާ ގާސިމް ވިދާޅުވީ މަޖިލީހުގެ އޮތް މެޖޯރިޓީ ބޭނުންކޮށް، އަލަށް އެކުލަވާލާ ސަރުކާރަށް ޖެއްސުންކޮށް، އެސަރުކާރުގެ ފުރަތަމަ ބަޖެޓް ހާވިޔާކޮށްލާ، ރައީސްއަކަށް ހޮވޭ ފަރާތެއްގެ އިތުބާރު ނެތްކަމަށް ވޯޓު ނަގަންވެސް ބައެއްފަހަރު ފާއިތުވި މަޖިލީސްތަކުން މަސައްކަތްކޮށްފައިވާ ކަމަށެވެ.

އަދި ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ކުރާ ވޯޓު އޮންނަ ދުވަހު، މަޖިލީސް އިންތިހާބު ބޭއްވުމުން ފައިދާބޮޑީ ހުރިހާގޮތަކުންވެސް ރައްޔިތުންނަށް ކަމަށާއި ރައްޔިތުންގެ ޓެކްސް ފައިސާއިން 120 މިލިއަންއަށް ވުރެ ގިނަފައިސާ ސަލާމަތްކުރެވުމާއި، އެފައިސާ ރައްޔިތުންގެ އެހެންބޭނުންތަކަށް ބޭނުންކުރުމަށް ފުރުސަތު ލިބިގެންދިއުމާއި، މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް ސިޔާސީ ޕާޓީތަކުން ކުރާ މަސައްކަތްތަކާއި ގުޅިގެން ސިޔާސީ ނިޒާމުގައި މިހާތަނަށް އުފެދިފައިވާ ހަމަނުޖެހުންތަކާއި، އިންތިހާބާއި ގުޅުންހުންނަ ކަމަށް ކުރެވޭ ކަރަޕްޝަންގެ ތުހުމަތުތައް ވެސް މިކަމުގެ ސަބަބުން ކުޑަވެގެންދާނެކަމީ ޝައްކެތް އޮތް ކަމެއް ނޫން ކަމަށް ގާސިމް ވިދާޅުވެފައި ވެއެވެ.

ad