ރޯދަ ހަދިޔާގެ ގޮތުގައި މިހާތަނަށް 35،000 އަށްވުރެ ގިނަ މަސްދަޅު ކޭސް ބަހާފައިވާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން ބުނެފިއެވެ.
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން ބުނީ މި އަހަރުގެ ރަމަޟާންމަހަށް ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސްތަކުގެ ތެރެއިން ގްރޭޓަރ މާލެ ސަރަޙައްދު (މާލެ، ވިލިނގިލި، އަދި ހުޅުމާލެ) ގެ ގޭބިސީތަކަށް ރޭގެ ނިޔަލަށް 35،132 މަސްދަޅު ކޭސް، ގޭބިސީތަކަށް ދޫކޮށްފިއެވެ.
ގްރޭޓަރ މާލެ ސަރަޙައްދުގައި ރަޖިސްޓްރީ ކުރެވިފައިވާ ޑޮމެސްޓިކް މީޓަރުތަކުގެ އަދަދަކީ 65،230 އެވެ. މަސްދަޅު ދޫކުރަނީ ކޮންމެ ޑޮމެސްޓިކް މީޓަރަކީ ގޭބިސީއެއް ކަމަށް ބަލައިގެންނެވެ. ރޭގެ ނިޔަލަށް މާލެ ސަރަހައްދުގެ 53.5 ޕަސެންޓް ގޭބިސީތަކަށް މަސްދަޅު ކޭސް ވަނީ ދޫކުރެވިފައެވެ. ރޭ އެންމެ ގިނައިން މަސްދަޅު ކޭސްތައް ދޫކޮށްފައިވަނީ ގަލޮޅު ދަނޑުގައި ގާއިމުކޮށްފައިވާ މަރުކަޒުތަކުންނެވެ. ގަލޮޅު ދަނޑުގައި 4 މަރުކަޒަކުން ރޭ އެކަނިވެސް 500 އަށްވުރެ ގިނަ މަސްދަޅު ކޭސް ދޫކޮށްފައިވެއެވެ.
މީގެ އިތުރުން ހުރިހާ ރަށަކަށް ކަހަލަ ގޮތަކަށް މަސްދަޅު ކޭސްތައް މިހާރު ވަނީ ފޮނުވިފަ އެވެ. ރަށްރަށުގައި މަސްދަޅު ކޭސްތައް ބެހުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެ ރަށެއްގެ ކައުންސިލުންނެވެ.
ރަމަޟާންމަހު ކޮންމެ ގޭބީސީއަކަށް މަސްދަޅު ކޭހެއް ހަދިޔާކުރުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިޢުލާންކުރެއްވީ، ސަރުކާރަށް އެއް އަހަރު ފުރުމުގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް ގޭބީސީތަކަށް މަސްދަޅު ކޭސްތައް ބެހުމުގެ މަސައްކަތް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ދަނީ ކުރަމުންނެވެ.
ރޯދަ ހަދިޔާގެ ގޮތުގައި ދޭ މަސްދަޅު ކޭސްތައް ބެހުމުގެ މަސައްކަތް ވުޒާރާއި، ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތައް ގުޅިގެން ފެށީ މިދިޔަ ޖަނަވަރީ މަހުގެ 24 ވަނަ ދުވަހުގެ ރެއެވެ. މާލެ ސަރަހައްދުގައި މަސްދަޅު ކޭސްތައް ދޫކުރަމުންދާނީ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ހުކުރުދުވަސް ފިޔަވައި ކޮންމެ ރެޔަކު 8:30 އިން 11:00 އަށެވެ.
ކޮންމެ ރެޔަކަށް 300 ޓޯކަން ދޫކުރާއިރު، މަސް ކޭސް ދޫކުރާނީ ކަރަންޓު މީޓަރު ނަންބަރު އަދި ބިލު ނަންބަރު ފަދަ މައުލޫމާތުތަކަށް ބެލުމަށްފަހެވެ. އޭގެ އިތުރަށް، މަސް ކޭސް ބެހުމުގެ ކަންކަން ފަސޭހަކޮށްދިނުމަށް ޓޯކަން ނަންބަރު ނެގުމަށް ޚާއްސަ ޕޯޓަލެއް ވެސް ވަނީ ތައްޔާރުކޮށްފައެވެ.
މާލެ ސަރަހައްދުގައި ޖުމުލަ 15 ތަނަކުން މަސް ކޭސް ބަހާނެއެވެ. އެއީ، މާލޭގެ އަށް މަރުކަޒަކާއި ވިލިމާލޭގެ މަރުކަޒަކާއި ހުޅުމާލޭގެ ހަ މަރުކަޒެއްގައެވެ.

