ބާރު ސްޕީޑުގައި ސައިކަލު ދުއްވަނިކޮށް ކޮންޓްރޯލުން ނެއްޓިގެން ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި، ސައިކަލު ފަހަތުގައި އިން 16 އަހަރުގެ ކުއްޖާ ނިޔާވި ހާދިސާއާ ގުޅިގެން ހައްޔަރުކުރި ޒުވާނާ، ޝަރުތުތަކެއްގެ މަތިން އިއްޔެ ފުލުހުންގެ ބަންދުން ދޫކޮށްލައިފިއެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ މިދިޔަ ބުދަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި، ބޮޑުތަކުރުފާނުމަގުގެ ޓްރެފިކް ލައިޓް ކައިރިން ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް ކޮންޓްރޯލް ނުވެ މަގުގެ ޕޭވްމަންޓް މައްޗަށް އަރައިގެންނެވެ. އެ ހާދިސާގައި އަނިޔާވި ކުޑަކުއްޖާ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް އެ ރޭ ވަނީ ނިޔާވެފައެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ރ.އިނގުރައިދުއަށް ނިސްބަތްވާ 19 އަހަރުގެ ޒުވާނެކެވެ.
ފުލުހުންގެ މައުލޫމާތުތަކުން އެނގޭ ގޮތުގައި، އޭނާއަކީ އެފަދަ އުޅަނދު ދުއްވުމަށް ބޭނުންވާ ލައިސެންސް ވެސް އޮތް މީހެއް ނޫނެވެ. ކްރިމިނަލް ކޯޓުގެ އަމުރުގައިވާ ގޮތުން، ބަންދުގެ މުއްދަތު އިތުރުކުރުމަށް އިއްޔެ އޭނާ ކޯޓަށް ހާޒިރުކުރުމުން، ޝަރުތުތަކަކާއެކު ބަންދުން ދޫކޮށްލުމަށް ވަނީ ނިންމާފައެވެ.
އެ ގޮތުން އެކަން ހިނގާފައިވާ ކަމަށާއި ނަމަވެސް އެކަން ހިނގީ ގަސްދުގައި ނޫން ކަމަށްވެސް މުޙައްމަދު އާދިން ވަނީ ބުނެފަ އެވެ. މުޙައްމަދު އާދިން ބުނީ ދެ ރައްޓެހިން ސައިކަލުގައި ދަނިކޮށް މި ހާދިސާ ހިނގީ ކަމަށާއި މިކަން ހިނގީތީ ހިތާމަކުރާ ކަމަށެވެ.
ތުހުމަތު ކުރެވޭ މީހާއަށް ލިބިފައިވާ އަނިޔާތަކަށްވެސް ރިއާޔަތްކޮށް ހަރުކަށި ޝަރުތުތަކާއެކު ފުލުހުންނަށް ފުރިހަމައަށް އެއްބާރުލުން ދޭނަމަ ބަންދުން ދޫކުރުމަށް ފުލުހުން އިއުތިރާޒު ނުކުރާ ކަމަށް ފުލުހުން ކޯޓުގައި ފާހަގަކުރި އެވެ.
އެހެންވެ ޝަރުތުތަަކަކާއެކު ބަންދުން ދޫކޮށްލުމަށް ކޯޓުން ނިންމިއިރު ޝަރުތު ކުރެވިފައިވާ މުއްދަތުގައި ޝަރުތަކާ ހިލާފުވެއްޖެނަމަ އަލުން ބަންދުކުރުމުގެ އިހުތިޔާޒު ފުލުހުންނަށް ލިބިގެންވާ ކަމަށް ވަނީ އަންގާފަ އެވެ.
