logo

ޙައްޖުވެރިންނަށް މައްކާގައި އެންމެހާ އިންތިޒާމުތަކެއް މިހާރު ވަނީ ފުރިހަމަ ކުރެވިފައި: ދިވެހި ޙައްޖު މިޝަން

އާމިނަތު މޫސާ
12 ގަޑިއިރު ކުރިން

ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕު މިރޭ މައްކާއަށް ދިއުމަށް ހަމަޖެހިފައިވާއިރު، ޙައްޖުވެރިންނަށް މައްކާގައި އެންމެހާ އިންތިޒާމުތަކެއް ފުރިހަަމަ ކުރެވިފައިވާކަމަށް ދިވެހި ޙައްޖު މިޝަނުން ވިދާޅުވެއްޖެއެވެ.

އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން މައްކާގައި ޤާއިމްކޮށްފައިވާ ޙައްޖުވެރިންގެ ކަންކަމާ ބެހޭ އޮފީހުގެ ވެރިޔާ އައްޝައިޚް އިމްޠިޠާޢު ޢައްބާސް ވިދާޅުވީ، ދިވެހި ޙައްޖުވެރިން ތިއްބަވާ ހޮޓަލުގެ އިންތިޒާމުތަކާއި މަޝާޢިރުތަކުގައި ފުރިހަމަ ކުރަން ޖެހޭ އިންތިޒާމުތައްވެސް މިހާރު ފުރިހަމަކޮށް ނިމިފައިވާކަމަށެވެ.

ޝައިޚް އިމްޠިޠާޢު ވިދާޅުވީ، ޙައްޖުވެރިން ތިއްބަވާ ކޮޓަރިތަކުގެ ހުރިހާކަމެއް ތައްޔާރުކުރެވިފައިވާކަމަށާއި، ޙައްޖުވެރިންނަށް ސިއްޙީ ޚިދުމަތް ދިނުމަށްޓަކައި ޤާއިމް ކުރާ ކްލިނިކްވެސް މިހާރު ހޮޓަލުގައި ޤާއިމުކުރެވި ޚިދުމަތަށް ތައްޔާރުވެފައިވާކަމަށެވެ. އަދި ޙައްޖުވެރިންގެ ކެއުމުގެ އިންތިޒާމުތަކަށް ރެސްޓޯރެންޓާއި، ކެއްކުމުގެ އިންތިޒާމުވެސް މިހާރު ތައްޔާރުކުރެވިފައިވާކަން ޝައިޚް އިމްޠިޠާޢު ފާހަގަކުރެއްވިއެވެ.

އަދި މިހުރިހާ ތައްޔާރީތަކެއްވެސް ވަރަށް ގާތުން ޙައްޖު މިޝަނުން ބަލަމުން ދިޔަކަމަށާއި، ޙައްޖުވެރިން ޙައްޖުގެ އެންމެހާ މަނާސިކުތަކެއްވެސް ފުރިހަމައަށް އަދާކުރުމަށް ޙައްޖު މިޝަނުން ހުރިހާކަމެއްވެސް ގާތުން ބަލަމުންދާނެކަމުގެ ޔަޤީންކަން ދެއްވާކަމަށް ޝައިޚް އިމްޠިޠާޢު ވިދާޅުވިއެވެ.

ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕު މިއަދު ހަވީރު ރާއްޖެއިން ފުރާފައިވާއިރު، މިރޭގެ ވަގުތެެއްގައި ޙައްޖުވެރިންނަށް މައްކާގެ ހޮޓަލާއި ހަމައަށް ދެވޭނެއެވެ.

ad