logo

ރޯދަ މަހު ކާބޯތަކެތި އިމްޕޯޓްކުރާ ފަރާތްތަކަށް ޑޮލަރު ދޫކުރާ މިންވަރު އިތުރުކޮށްފި

އާމިނަތު މޫސާ
12 ގަޑިއިރު ކުރިން
މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ / ފޮޓޯ: އެމްއެމްއޭ

މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ / ފޮޓޯ: އެމްއެމްއޭ

ރޯދަ މަހާ ދިމާކޮށް، ވިޔަފާރިވެރިންނަށް ބާޒާރުގައި ކާބޯތަކެތި ފަސޭހައިން ލިބޭނެގޮތް ހޯދައިދިނުމަށްޓަކައި، ރާއްޖޭގެ ބޭންކުތަކަށް ދޫކުރާ ބޭރު ފައިސާގެ މިންވަރު އިތުރުކުރަން ނިންމާފައިވާކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކޮށްފިއެވެ.

އެމްއެމްއޭ އިން ބުނީ 17 ފެބްރުއަރީ 2026 އިން ފެށިގެން ތިން ހަފުތާގެ މުއްދަތަށް އަމަލުކުރާ މި ޚާއްޞަ އުސޫލުގެ ދަށުން، މަރުކަޒީ ބޭންކުން ބޭންކުތަކަށް އާމު އުސޫލުގެ ދަށުން ވިއްކާ މިންވަރަށްވުރެ 32 އިންސައްތަ އިތުރުކުރާނެ ކަމަށެވެ. މިއީ ރަމަޟާން މަހުގެ ތެރޭގައި އަސާސީ ކާބޯތަކެތި އެތެރެކުރުމަށް ބޭންކުތަކުން ބޭރު ފައިސާ ހޯދުމަށް ކުރާ ޑިމާންޑް ބޮޑުވާތީ، އެކަމަށް ލުޔެއް ހޯދައިދިނުމަށް އެޅި ފިޔަވަޅެއް ކަމަށް އެމްއެމްއޭ އިން ބުނެއެވެ.

އެމްއެމްއޭ އިން ހާމަކުރާ ގޮތުގައި، ބޭރު ފައިސާ އިތުރަށް ދޫކުރުމުގެ ސަބަބުން މުދާ އެތެރެކުރާ ފަރާތްތަކަށް ބޭރުގެ ސަޕްލަޔަރުންނަށް ފައިސާ ދެއްކުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ. އަދި އާންމުކޮށް ކާބޯތަކެތި ބޭނުންކުރާ މިންވަރު އިތުރުވާ މި ދަނޑިވަޅުގައި، މުދާ އެތެރެކުރުމުގެ ނިޒާމަށް ކުރިމަތިވާ ތާށިކަން ކުޑަވެ، ރާއްޖޭގެ ބާޒާރުގައި އަސާސީ މުދާ މެދުނުކެނޑި ލިބެން ހުރުމަށް މިކަމުން މަގުފަހިވާނެއެވެ.

މި ފިޔަވަޅަކީ ބޭރު ފައިސާގެ ބާޒާރު ހަރުދަނާކުރުމަށާއި ބޭންކިންގ ނިޒާމަށް އެހީތެރިވުމަށް މަރުކަޒީ ބޭންކުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އެޅި މުހިންމު ފިޔަވަޅެކެވެ. އެމްއެމްއޭ އިން ހާމަކުރާގޮތުގައި، މިފަދަ ފިޔަވަޅުތަކަކީ ރަމަޟާން މަހާއި ދިމާކޮށް ބޭރު ފައިސާއަށް އަންނަ މޫސުމީ ޑިމާންޑް މެނޭޖްކުރުމަށް އެ އޮތޯރިޓީން ގެންގުޅޭ ޚާއްސަ ސިޔާސަތެކެވެ.

ad