500 މުވައްޒިފަކު ވަކިކުރަން އުޅޭކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރެމުންދާ ވާހަކަ ސަރުކާރުން ދޮގު ކޮށްފިއެވެ.
ސަރުކާރުގެ ސްޕޯކްސްޕާސަން މުހައްމަދު ހުސައިން ޝަރީފް (މުންދު) ޓީވީ ޗެނެލްއަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ސަރުކާރުގެ ހިންގުމުގެ އޮނިގަނޑަށް ގެނައި ބަދަލާއެކު، އެކި ވުޒާރާތަކާއި، އެކި މުއައްސަސާތަކުގެ ބެލެނެވެރި ވުޒާރާތަކާއި އޮފީސްތައް ބަދަލުވެފައިވާތީވެ، މުވައްޒިފުންނަށް އެއްމެ ރަނގަޅަށް މަސައްކަތްކުރެވޭނެ އޮފީހަކަށް އެ މުވަޒަފުން ބަދަލުކޮށްގެން ވެސް މަސައްކަތް ކުރުމުގެ އެސެސްމަންޓްގެ ބޭނުން ހިފަނީ ކަމަށެވެ.
އަދި ވަޒީރުން އިސްތިއުފާދެއްވުމާއި ވަޒީރުންގެ މަޖިލީހަށް ގެންނެވި ބަދަލުތައް ގުޅިފައިވަނީ ވެސް ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުން ކަމަށެވެ. ނިމިދިޔަ އިންތިޚާބުގެ ނަތީޖާއާ ގުޅިގެން ރައްޔިތުން ދިން މެސެޖު ރައީސުލްޖުމްހޫރިއްޔާ އަޑުއައްސަވާފައިވާ ކަމަށެވެ. އަދި މި ބަދަލުތަކަކީ ރައްޔިތުންގެ އަޑު އެހުމަށްޓަކައި ސަރުކާރުގެ އޮނިގަނޑު އިތުރަށް ހަރުދަނާ ކުރުމަށް އެޅުއްވި ފިޔަވަޅެއް ކަމަށް ތަރުޖަމާނު ފާހަގަކުރެއްވިއެވެ.
މިއީ މާލީ ސިޔާސަތެއް ތަންފީޒުކުރަން ނޫންކަމަށާއި، އެކަމަކު، ރައްޔިތުން އެދޭ ނަތީޖާ ނެރެދެވޭނެ ގޮތްތައް ބައްލަވައިގެން، ސަރުކާރުން ކުރާކަމެއް ކަމަށްވެސް މުންދު ވިދާޅުވިއެވެ.
މުންދު އިތުރަށް ވިދާޅުވީ ވަރަށް މަދު ސަރުކާރެއް ނުވަތަ ވަރަށް މަދު ވެރިންނަށް ނޫނިއްޔާމު މިފަދަ ކަމަކަށް ކެރިވަޑައިނުގަންނަވާނެ ކަމަށެވެ. އަދި މިއީ ދައުރުގެ މެދުތެރެއިން ނިންމަވަން ފަސޭހަ ނިންމުމެއް ނުން ކަމަށެވެ. އަދުގެ ރައީސް ނެންގެވީ ވަރަށް ކެރޭ ޑިޒިޝަނެއް ކަމަށެވެ. މުހިންމީ، އަޑުއައްސަވާ އިސްލާހުތަކެއް ގެންނަންޖެހޭ، ބަދަލުތަކެއް ގެނައުން ކަމަށާއި، ކަންތައްތަކެއް ރަނގަޅުކުރުން ކަމަށެވެ. އެކަންތައްތައް ރަނގަޅުކުރުމަށްޓަކައި މިފަދަ ފިޔަވަޅުތައް އަޅަމުން ދާނެ ކަމަށް ވެސް ވިދާޅުވިއެވެ.


