މާލޭގެ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، މަސްވެރިންގެ ޕާކުން ފެށިގެން ބީއެމްއެލް އާއި ހަމައަށް އޮންނަ ސަރަޙައްދު ފަޅުގައި އޮތް އުޅަނދުތައް ނެގުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން އަންގައިފިއެވެ.
އެމްޓީސީސީން އިއްޔެ ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، ބޮޑުތަކުރުފާނު މަގުގެ ސެގްމަންޓް 1 ގެ ފޭސް 2 އިން ފެށިގެން 4 އާ ހަމައަށް ޝީޓް ޕައިލް ކުރުމުގެ މަސައްކަތް ފެށުމަށް މިހާރު ތައްޔާރުވެފައިވާ ކަމަށެވެ.
މި މަސައްކަތުގެ ތެރެއިން ރަސްމީ ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް 700 މީޓަރުގެ ސަރަހައްދެއް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. އެމްޓީސީސީން ބުނީ މިއަދުން ފެށިގެން ޖުލައި މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް މަސްވެރިންގެ ޕާކުން ފެށިގެން ބޭންކް އޮފް މޯލްޑިވްސްއާ ހަމައަށް އޮންނަ މަގާއި، އެ މަގާ އިންވެގެން އޮންނަ ފަޅު ބަންދުކުރާނެ ކަމަށެވެ. އެހެންކަމުން، އެ ސަރަޙައްދުގެ ފަޅުގައި މިވަގުތު އަޅާފައި އޮތް ދޯނިތަކާއި ލޯންޗްތައް ވީ އެންމެ އަވަހަކަށް ހުސްކުރުމަށް އެތަކެތީގެ ވެރިފަރާތްތަކަށް އެމްޓީސީސީން ވަނީ އިލްތިމާސްކޮށްފައެވެ.
މި މަޝްރޫޢުގެ ދަށުން މަގުގެ ޖާގަ ބޮޑުކުރުމަށްޓަކައި މަގު އިތުރަށް ފުޅާކުރެވޭނެއެވެ. މިހާތަނަށް 143 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލްކުރުމުގެ މަސައްކަތް ވަނީ ނިންމާލާފައެވެ. މި ސެގްމެންޓުގެ ދަށުން 700 މީޓަރުގެ ސަރަހައްދު ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، ތާރު އެޅުމާއި، ފެން ހިންދާ ނިޒާމު ޤާއިމްކުރުމުގެ އިތުރުން ޕޭމަންޓް ހަދައި ބައްތި ޖެހުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މަސައްކަތް ކުރިއަށްދާނީ މީގެ ކުރިން ނިމުނު ސެގްމެންޓުތަކުގެ ފަރުމާއާ އެއްގޮތަށެވެ.
ބޮޑުތަކުރުފާނު މަގުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް އިއްޒުއްދީން ފާލަމުން ފެށިގެން ނޯތު ހާބަރާ ހަމައަށް 380 މީޓަރުގެ ސަރަޙައްދެއް ވަނީ ތަރައްގީކޮށް ނިންމާފައެވެ. އެ ސަރަޙައްދުތައް މިހާރު އާންމުންނަށް ހުޅުވާލާފައިވާއިރު، މަގުގެ ޖާގަ ތަނަވަސްވުމުގެ ސަބަބުން ދުއްވާ އުޅަނދުތަކާއި ހިނގާބިނގާވެ އުޅޭ މީހުންނަށް ބޮޑެތި ލުއިތަކެއް ލިބެމުންދާކަން ފާހަގަކުރެވެއެވެ.

