ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް ސާބިތުވި މީހަކު 25 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި އެވެ.
ކްރިމިނަލް ކޯޓުން މި ހުކުމް ކޮށްފައިވަނީ ށ. މިލަންދޫ، ސުނީތާހައުސް، އަލީ އިބްރާހީމް (37އ)އަށެވެ.
އަލީ އިބްރާހީމް 25 އަހަރަށް ޖަލަށްލުމާއެކު އެއްލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށްވެސް މިމަހުގެ 21 ވަނަ ދުވަހު ކޯޓުން ކުރި ހުކުމުގައި ކަނޑައަޅާފައިވެ އެވެ.
އޭނާގެ މައްޗަށް ހުކުމް އިއްވާފައިވަނީ މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 105 ވަނަ މާއްދާގެ ދަށުންނެވެ.
މި މައްސަލަ ފުލުހުންގެ ޚިދުމަތަށް ހުށަހަޅާފައި ވަނީ 2023 ޖަނަވަރީ 12 ވަނަ ދުވަހުއެވެ. މި މައްސަލައިގެ ތަހުގީގު ނިންމައި، އޭނާގެ މައްޗަށް ދައުވާ އުފުލުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ 2023 މާރިޗު 13 ވަނަ ދުވަހުއެވެ.
މިއީ މަސްތުވާތަކެއްޗާ ދެކޮޅަށް، ކަމާ ގުޅުންހުރި މުއައްސަސާތަކާ ގުޅިގެން ފުލުހުން ކުރަމުންދާ މަސައްކަތުގެ ނަތީޖާ ކަމަށް ފުލުހުން ބުނެއެވެ. މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ހާއްސަ މަސައްކަތްތަކެއް ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ ކުރަމުންނެވެ.

