logo

"ގޯތިގެދޮރު" ޕްރޮގްރާމްގެ ދަށުން ދޫކުރާ ފްލެޓާއި ގޯއްޗަށް ބައިލައްކަ މީހުން ކުރިމަތިލައިފި

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
11 ގަޑިއިރު ކުރިން

"ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ "އާއިލީ ބޯހިޔާވަހިކަން" އަދި "ގޯތިގެދޮރު" ޕްރޮގްރާމްގެ ދަށުން ދޫކުރާ ފްލެޓާއި ގޯއްޗަށް ކުރިމަތިލާފައިވާ ކަމަށް މިނިސްޓްރީ އޮފް އިންފްރާސްޓަކްޗާރ ހައުސިން އެންޑް އާބަން ޑިވޮލޮޕްމެންޓް އިން ހާމަ ކޮށްފިއެވެ.

"ގޯތިގެދޮރު" ޕްރޮގްރާމްގެ ދަށުން ދޫކުރާ ފްލެޓަށް އެކަނި 35930 މިހަކު ވަނީ ކުރިމަތިލާފައެވެ. އަދި ބިން އެޕްލިކޭޝަން އަށް 22575 ފޯމެއް ހުށަހަޅާފައި ވެއެެވެ.

ގޯއްޗާއި ފްލެޓަށް ފޯމް ހުށަހެޅުމަށް ފުރަތަމަ ހުޅުވާލީ މި އަހަރުގެ ޖެނުއަރީ މަހުގައެވެ. ފުރަތަމަ ހުޅުވާލިއިރު މިސްކީމްގެ ދަށުން ގޯއްޗަށް އެދި ހުށަހެޅުމުގެ މުއްދަތު ހަމަވާން އޮތީ މާރިޗު މަހުގެ 4ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ފެލްޓަށް އެދި ހުށަހެޅޭނެ މުއްދަތު އޭޕްރީލް މަހުގެ 17ވަނަ ދުވަހުގެ ނިޔަލަށް އިުރު ކުރިއެވެ. އަދި ވުޒާރާއިން ވަނީ އާންމުންނަށް އިތުރު ފުރުސަތު ދިނުމުގެ ގޮތުން އިއްޔެ ރޭގެ 23:59 އާ ހަމައަށް ފޯމު ހުށަހެޅުމުގެ ފުރުސަތު އިތުރުކޮށްދީފައެވެ.

ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަޙްމަދު ނާޒިމް މުޙައްމަދު ވިދާޅުވީ އެ މުއްދަތު އިތުރުކޮށްފައިވަނީ ޚާއްސަ ހާލަތަކާއެކުގައިކަމަށެވެ. އެގޮތުން މިހާރު އިތުރުކޮށްފައިވާ މުއްދަތު ހަމަވުމުން އިތުރަށް މުއްދަތު އިތުރު ނުކުރާނެކަމަށް ވިދާޅުވިއެވެ. އެގޮތުން ހުރިހާ ފަރާތްތަކަކުންވެސް ފޯމު ހުށަހެޅުމުގެ ކުރިން ފޯމު ފުރިހަމަކޮށްފައިވަނީ އެޕްލިކޭޝަން ހުށަހަޅަން އެދޭ ސްކީމަށްތޯއާއި، ލިޔެކިއުންތަކާއި މައުލޫމާތުތައް ފުރިހަމަކުރެވިފައިވަނީ ރަނގަޅަށްތޯ ކަށަވަރު ކުރުމަށްފަހު، ފޯމު ހުށަހެޅުމަށް ސަމާލުވުމަށް ވެސް އެދިފައެވެ.

ފްލެޓުތައް ދިނުމުގައި 15 ކެޓަގަރީއެއް ވަނީ ކަނޑައަޅައިފައެވެ. މި 15 ކެޓަގަރީގެ އިތުރުން މާލޭގެ ރަށްވެހިންނަށް 4،000 ފްލެޓު އަދި މާލޭގައި ރަށްވެހިފައިނުވާ، މާލޭގައި ދިރިއުޅޭ ފަރާތްތަކަށް 1،500 ފްލެޓު ކަނޑައަޅާފައިވެއެވެ.

މި ސްކީމުގެ ދަށުން ގްރޭޓަރ މާލެ ސަރަހައްދުންނާއި ރަސްމާލެ ހިމެނޭހެން 15,000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މާލެ ސަރަޙައްދުން 7,900 ފްލެޓް ދޫކުރުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ. އަދި ފްލެޓް ދޫކުރުމުގައި މާލޭގެ ރަށްވެހިންނަށް 4,000 ފްލެޓް، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 1,500 ފްލެޓް އަދި ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކަށް 2,400 ފްލެޓް ވަނީ ކަނޑައަޅާފައެވެ.

ގޯތި ދޫކުރުމުގައި މާލޭގެ ރަށްވެހިންނަށް 10,000 ގޯތި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 3,000 ގޯތި، އަދި މައިމުޅަވެފައިވާ މީހުންނަށް 500 ގޯތި ހިމެނެއެވެ. މީގެ އިތުރުން މާލޭގެ ހަނި ގޯޅިތަކުގައި ހުރި ގޯތިތަކާއި ލާޖައްސައިގެން ގޯތި ބަދަލުކުރާ ފަރާތްތަކަށް 1,500 ގޯތި ވަނީ ޚާއްޞަކޮށްފައެވެ. އަދި ކުރީގެ ސްކީމަކުން 1 ނުވަތަ 2 ކޮޓަރީގެ ފްލެޓް ލިބިފައިވާ މީހުންގެ ތެރެއިން ދަރިން ތިބި މިންވަރަށް ބަލައި، ވަކި ޝަރުތުތަކަކާއެކު 3 ކޮޓަރީގެ ފްލެޓަށް އެދި ހުށައެޅުމުގެ ފުރުޞަތު މިސްކީމުގެ ދަށުން ލިބިގެންދާނެއެވެ.

ad