logo

އަމާޒަކީ ރާއްޖެއަށް ވަންނަ ކޮންމެ ޑޮލަރެއް ބޭންކިން ނިޒާމުގެ ތެރެއަށް ވެއްދުން: އެމްއެމްއޭގެ ގަވަރުނަރު

ދިވެހި ޗެނަލް
ދިވެހި ޗެނަލް
17 ގަޑިއިރު ކުރިން

ރާއްޖެއަށް އެތެރެވާ ބޭރު ފައިސާގެ ތެރެއިން މިހާރު ރަސްމީ ބޭންކިން ނިޒާމަށް ވަންނަނީ އެންމެ 65 އިންސައްތަ ކަމަށާއި، އަމާޒަކީ ރާއްޖެއަށް ވަންނަ ކޮންމެ ޑޮލަރެއް ބޭންކިން ނިޒާމުގެ ތެރެއަށް ވެއްދުން ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ ގަވަރުނަރު އަޙުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

ގަވަރުނަރު ވިދާޅުވީ، ކޮންމެ ޑޮލަރެއް ބޭންކިން ނިޒާމުގެ ތެރެއަށް ވައްދަން އެމްއެމްއޭއިން ކުރާ މަސައްކަތް އަންނަ އަހަރު އިތުރަށް ހަރުދަނާ ކުރާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ގަވަރުނަރު މުނައްވަރު ވިދާޅުވީ، ބޭރު ފައިސާއާ ބެހޭ ގަވާއިދަށް އެމްއެމްއޭއިން ގެނައި ބަދަލުތަކުގެ ތެރޭގައި ބޭރު ފައިސާ މާރުކުރުމުގެ އިތުރުން ރާއްޖެއަށް ވަންނަ ބޭރު ފައިސާ ޖަމާކުރުން ހަރުދަނާ ކުރުމަށް މުހިންމު ބަދަލުތަކެއް ހިމަނާފައިވާ ކަމަށެވެ.

ކުރިން ރާއްޖެއަށް ވަންނަ ބޭރު ފައިސާ ބޭންކިން ނިޒާމަށް ވަންނަކަން މޮނިޓަކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރައްވައި ގަވަރުނަރު ވިދާޅުވީ، ހިސާބުތަކުން ދައްކާ ގޮތުގައި މިހާރުވެސް ނިޒާމުގެ ތެރެއަށް ވަންނަނީ 65 އިންސައްތަ ކަމަށެވެ. އެހެންކަމުން ނިޒާމުގައި މިހާރު ހުރި ފައިސާ ދައުރު ކުރުމުގެ އިތުރުން އެތެރެވާ ހުރިހާ ފައިސާއެއް ބޭންކިން ނިޒާމަށް ވެއްދުމަށް ވަރަށް ބޮޑަށް މޮނިޓަކޮށް ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ. އެގޮތުން ރިސޯޓުތަކާއި ވިޔަފާރިތަކުން އާމްދަނީ ޖަމާކުރުމަށް ވަކި ޚާއްސަ އެކައުންޓެއް ބަހައްޓަން އަންގާފައިވާ ކަމަށާއި، އެކަންވެސް ގާތުން ބަލަމުންދާނެ ކަމަށް ވިދާޅުވިއެވެ.

ކޮމިޓީގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ގަވަރުނަރު ވިދާޅުވީ، ޓޫރިޒަމް ދާއިރާއަށް އަހަރަކު 5.9 ބިލިޔަން ޑޮލަރު ލިބޭއިރު، ރާއްޖޭގެ ބޭންކިން ނިޒާމަށް ވަންނަނީ އޭގެ ތެރެއިން 3.8 ބިލިޔަން ޑޮލަރު ކަމަށެވެ. ރާއްޖެއަށް ލިބޭ ކޮންމެ ޑޮލަރެއް ބޭންކިން ނިޒާމުގެ ތެރެއަށް ވަންނަނަމަ އެއީ ރައްޔިތުންގެ ބޭނުންތަކަށް ފުދޭވަރުގެ އަދަދެއްކަން ފާހަގަކުރައްވައި، ކޮންމެ ޑޮލަރެއް ނިޒާމުގެ ތެރެއަށް ވެއްދުމަށް އެމްއެމްއޭއިން ކުރާ މަސައްކަތްތައް އަންނަ އަހަރު އިތުރަށް ހަރުކަށި ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މީރާއިން ހިއްސާކޮށްފައިވާ ހިސާބާ ހަވާލާދީ ގަވަރުނަރު ވިދާޅުވީ އިންކަމް ޓެކްސް ދައްކަނީ 185 ރިސޯޓްގެ ތެރެއިން ގާތްގަނޑަކަށް 50 ރިސޯޓުން ކަމަށެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ގަވަރުނަރު ވިދާޅުވީ، ބަޖެޓުގެ ޖުމްލަ އަދަދު މިއަހަރަށްވުރެ ކުޑަ ނަމަވެސް، ކަންބޮޑުވާންޖެހޭ ކަންކަން އެބަހުރި ކަމަށެވެ. ޚާއްސަކޮށް ބަޖެޓު ޑެފިސިޓް ބޮޑުވުމަކީ ދަރަނި އިތުރުވަމުންދާ ކަމެއްކަން ފާހަގަކުރައްވައި، ބަޖެޓު ފައިނޭންސް ކުރުމުގެ ކަންކަން ހަރުދަނާ އުސޫލަކުން ކުރިއަށް ގެންދިއުމަށް ބާރުއެޅުއްވިއެވެ. މިއަހަރު އެންމެ ބޮޑު ފައިނޭންސިންއެއް ހަމަޖެހިފައިވަނީ، އެތެރޭގެ ބާޒާރުން ކަމަށްވާތީ ބޭރުން ފައިނޭންސިން ހޯދުމަށް ސަރުކާރަށް ލަފާދެއްވާފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ދުނިޔޭގެ އިގުތިޞާދީ ހާލަތާއި ހިނގަމުންދާ ހަނގުރާމަތަކުގެ ސަބަބުން ރާއްޖެއަށް ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައިވާކަން ގަވަރުނަރު ފާހަގަކުރެއްވިއެވެ. މިއަހަރުގެ ޖީޑީޕީ ކުރިން އަންދާޒާކުރި މިންވަރަށްވުރެ ދަށްކޮށް ރިވައިޒްކުރަން ޖެހުނު މައިގަނޑު ސަބަބަކީވެސް ހަނގުރާމައިގެ އަސަރު ޓޫރިޒަމްގެ އިތުރުން ކޮންސްޓްރަކްޝަން އަދި ދަތުރުފަތުރާއި، އަސާސީ މުދަލުގެ ދާއިރާއަށް ކުރުން ކަމަށް ވިދާޅުވިއެވެ. ނަމަވެސް ކަނެކްޓިވިޓީ ފުޅާވެ، ދައުލަތުން މާކެޓިން ކެމްޕޭނުތައް މިހާރަށްވުރެ ހަރުދަނާކޮށް ހިންގާނެ ކަމަށް ލަފާކުރެވޭތީ، އަންނަ އަހަރު ރާއްޖޭގެ ޖީޑީޕީ ކުރިއަރާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ގަވަރުނަރު ވިދާޅުވިއެވެ.

ad