މ. ނަލަހިޔާ ރެސިޑެންސްގެ އެޕާޓްމަންޓެއްގައި ހުރި ދެ ތިޖޫރީއެއް ފަޅާލައި ގިނަ އަދަދެއްގެ ފައިސާ ވަގަށްނެގި މައްސަލާގައި 5 މީހެއްގެ މައްޗަށް ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.
މިދިޔަ މާޗު މަހުގެ 15 ވަަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ހިނގާފައިވާ މި ހާދިސާއާ ގުޅިގެން އެމީހުންނަށް ކޮށްފައި ވަނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާ އެވެ.
އެގޮތުން މި މައްސަލާގައި ދައުވާ އުފުލާފައިވަނީ މ. އޭސިޔާ، އަޙްމަދު ފާރިސް އާއި، ހދ. ނޮޅިވަރަންފަރު ޖަޒީލާމަންޒިލް ޖަޒީލު މުހައްމަދު އާއި، ސ. މީދޫ މޫންލައިޓްވިލާ މުހައްމަދު އަފްރާހް އާއި، ރ. މަޑުއްވަރި ދާރުލް އައްވަލް އިސްމާއީލް އާސިފްގެ އިތުރުން ޅ. ނައިފަރު ކަސްތޫރިމާގެ މުހައްމަދު ނޫރު އަހްމަދުގެ މައްޗަށެވެ.
ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، މި 5 މީހުން ބައިވެރިވެގެން ނަލަހިޔާ ރެސިޑެންސްގެ އެޕާޓްމަންޓެއްގައި ހުރި ތިޖޫރީތަކަށް ގެއްލުންދީ، އޭގައި ހުރި 3,992,000 (ތިންމިލިޔަން ނުވަލައްކަ ނުވަދިހަ ދެހާސް) ރުފިޔާ ވަގަށް ނަގާފައިވާ ކަމަށެވެ. މި ކުށުގެ އަސާސީ އަދަބަކީ 3 އަހަރާއި 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ.
މީގެއިތުރުން، އަހްމަދު ފާރިސް، ޖަޒީލު މުހައްމަދު އަދި މުހައްމަދު ނޫރު އަހްމަދުގެ މައްޗަށް އިތުރު ދެ ދައުވާއެއް ކޮށްފައި ވެއެވެ. އެއީ އެ އެޕާޓްމެންޓްގެ ވެރިފަރާތުގެ ހުއްދަނެތި އެ އެޕާޓްމެންޓަށް ވަދެފައި ވާތީ އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ދައުވާ އާއި، އެ އެޕާޓްމަންޓުގެ ކޮޓަރިތަކުގެ ދޮރުތަކަށާއި، ތިޖޫރީތަކަށް ގެއްލުންދިން މައްސަލައިގައި މުދަލަށް ގެއްލުން ދިނުމުގެ ދައުވާއެވެ. އެގޮތުން މީގެން ކޮންމެ ކުށަކަށް އަސާސީ އަދަބެއްގެ ގޮތުގައި 4 މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ޕީޖީ އޮފީހުން މައުލޫމާތުދެ އެވެ.
މި މައްސަލާގައި ދައުވާލިބޭ މީހުންގެ އަތުން ވަގަށްނެގި ފައިސާ އަނބުރާ ހޯދައި، ބަދަލުލިބޭ ފަރާތަށް ނަގައިދިނުމަށްވެސް ޕީޖީ އޮފީހުން ވަނީ ކޯޓުގައި އެދިފަ އެވެ.

