logo

ކަނޑުތައް ރައްކާތެރިކުރުމަށް ބައިނަލްއަޤުވާމީ އެއްބާރުލުން ބޭނުންވޭ: ރައީސް

އާމިނަތު މޫސާ
11 ގަޑިއިރު ކުރިން

ކަނޑުތަކަށް ކުރިމަތިވެފައިވާ ނުރައްކާތަކާ ދެކޮޅަށް ހަރުދަނާ އަދި އަވަސް ފިޔަވަޅުތަކެއް އެޅުމަށް ބައިނަލްއަޤުވާމީ އެއްބާރުލުން މިހާރަށްވުރެ ބޮޑަށް ބޭނުންވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ދުނިޔޭގެ ކަނޑުތަކުގެ ދުވަހާއި ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ވިދާޅުވީ، ދިވެހީންގެ ސީދާ ދިރިއުޅުމާއި ގުޅިފައިވާ ކަނޑުތަކުގެ ރައްކާތެރިކަމަށްޓަކައި ރާއްޖެއިންދަނީ ދެމެހެއްޓެނިވި މަސްވެރިކަމާއި، ވަރުގަދަ ކަނޑުގެ ދިރާސާތަކާއި، ފަރުތަކުގެ ޙާލަތު ބެލެހެއްޓުމަށް ހަރުދަނާ މަސައްކަތްތަކެއް ކުރަމުންކަމަށެވެ. މީގެ އިތުރުން، ދިރާސާތަކުގެ މައްޗަށް ބަރޯސާވާ ފިޔަވަޅުތަކެއް މޫސުމީ ބަދަލުތަކާއި ދެކޮޅަށް އަޅަމުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރަމުންދާއިރު ދުނިޔޭގެ ކުރިމަގަށްޓަކައި ރައްކާތެރި ދުޅަހެޔޮ ކަނޑުތަކެއް ބޭނުންވާކަމަށެވެ. އަދި ދިވެހީންނާއި ކަނޑުތަކާ ވަރަށް ބޮޑަށް ގުޅިފައިވާކަން ފާހަގަކުރައްވާ ވިދާޅުވީ، ކަނޑުތަކަށް ކުރާ ނޭދެވޭ އަސަރު ރާއްޖޭގެ އިޤްތިޞާދަށާއި، ކާބޯތަކެތީގެ ރައްކާތެރިކަމަށާއި، ދެމެހެއްޓެނިވި ތިމާވެއްޓަށް ބޭނުންވާކަމަށެވެ.

މީގެ އިތުރުން މޫސުމީ ބަދަލުތަކުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށާއި ކަނޑުގެ މާހައުލު ރައްކާތެރިކުރުމަށްޓަކައި އިލްމީ ހެކިތަކުގެ މައްޗަށް ބިނާކޮށް ހަރުދަނާ ފިޔަވަޅުތައް އަޅަމުންދަނީ ތިމާވެއްޓާއި ރައްޔިތުންގެ ލާބަ އާއި މަންފާއަށްޓަކައި ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކަނޑުގެ ލޮނުގަނޑު ހޫނުވުމާއި، މުރަކަ ހުދުވުން އަދި ގޮނޑުދޮށްތައް ގިރުމުގެ މައްސަލަތައް އިތުރުވަމުންދާއިރު ކަނޑުތައް ހިމާޔަތްކުރުމަށްޓަކައި ބައިނަލްއަޤުވާމީ ފެންވަރުގައި އެއްބާރުލުންދީ، އަވަސް ފިޔަވަޅުތަކެއް އެޅުން މިއަދު މަޖުބޫރުވެފައިވާ ކަމަށެވެ.

ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޖޫން މަހުގެ 8 ވަނަ ދުވަހެވެ. ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ މިއަހަރުގެ ޝިއާރަކީ، "ރީ އިމޭޖިން. ބިއޯންޑް ދަ ވޯލްޑް ވީ ނޯ، އަ ނިއު ރިލޭޝަންޝިޕް ވިތް އަވަރ އޯޝަން" މިއެވެ.

ad