logo

ޒުވާނުން ބާރުވެރިކުރުވުމުގެ ޢަޒުމުގައި ދިވެހި ސަރުކާރު ސާބިތުކަމާއެކު ދެމިއޮންނާނެ: ރައީސް

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
ގަޑިއިރެއް ކުރިން

ކޮންމެ ދިވެހި ޒުވާނަކަށްވެސް އެ މީހެއްގެ ފުރިހަމަ ޤާބިލިއްޔަތަށް ވާސިލުވެވޭނޭ ފަދަ ފަހި މާހައުލެއް އުފައްދައިގެން، ޒުވާނުން ބާރުވެރިކުރުވުމުގެ ޢަޒުމުގައި ދިވެހި ސަރުކާރު ސާބިތުކަމާއެކު ދެމިއޮންނާނޭކަން ހާމަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަހުގެ ހެޔޮ އެދުންތައް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ޒުވާނުންނަށް ފޮނުއްވައިފިއެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަހާ ގުޅިގެން ފޮނުއްވި ޚާއްޞަ މެސެޖުގައި އެމަނިކުފާނު ވަނީ، ތަފާތު ޙާލަތްތަކުން އަންނަ މީހުން ހިއްސާކުރާ އުންމީދުތަކުގެ މައްޗަށް ބިނާކޮށްފައިވާ ދުވަހުގެ ޝިޢާރަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، ތަފާތު ރަށްރަށާއި، ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، ފެންވަރު ރަނގަޅު ތަޢުލީމާއި، މާނަހުރި ފުރުޞަތުތަކާއި، ޢަބުރުވެރި ދިރިއުޅުމާއި، ތިމާ އާއި ތިމާގެ އާއިލާއަށް އަދަށް ވުރެ ފަހި މާދަމާއެއް ލިބުން ފަދަ، ހުރިހާ ޒުވާނުން ހިއްސާކުރާ އުންމީދުތަކެއް ހުންނާނޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 45 އިންސައްތަ އަކީ ޒުވާނުންކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވަނީ، ޤައުމުގެ މުސްތަޤުބަލު ބައްޓަންކުރުމުގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ހަނދުމަފުޅުކޮށްދެއްވާފައެވެ. އެގޮތުން، ދީނީ، ތަޢުލީމީ، ސައިންސް އަދި ކުޅިވަރުގެ ދާއިރާއިން ޒުވާނުން ހޯދަމުންދާ ކާމިޔާބީތަކާއި ކުރާ އުންމީދުތަކަށް ސާބަސްދެއްވައި، މި ކަންކަމުން ހެކިކޮށްދެނީ މި ޖީލުން ކާމިޔާބީއަށް ވާސިލުވުމަށް ކުރާ މަސައްކަތްތައްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ތަޢުލީމީ ދާއިރާއިން ހޯދާ ކާމިޔާބީތަކާ އެއްވަރަށް ވަޒީފާގެ މައިދާނުގައި ފުރުޞަތު އުފެއްދޭކަން ކަށަވަރުކުރުމަށްޓަކައި، ޤައުމީ ފެންވަރުގައި މަތީ ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް އިތުރުކުރުމަށް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން، ނޭޝަނަލް އެޕްރެންޓިސްޝިޕް ޕުރޮގުރާމާއި، ނޭޝަނަލް ސަރވިސް ޕުރޮގުރާމު ފަރުމާކޮށްފައިވަނީ، ތަޢުލީމީ މައިދާނުން ވަޒީފާގެ މައިދާނަށް ދިއުމުގެ އިންތިޤާލީ މަރުޙަލާ އޮމާންކޮށްދިނުމަށްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ދިވެހި ޒުވާނުންގެ މައްޗަށް އެމަނިކުފާނުގެ ހިތްޕުޅުގައި އޮތް އިތުބާރު ހާމަކުރައްވަމުން، ޒުވާނުންގެ ޚިޔާލުތަކާއި، އަޑާއި، އުންމީދުތަކަކީ، ޤައުމީ ތަރައްޤީއަށް އަގުހުރި އުންސުރުތަކެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ދިވެހި ޒުވާނުންގެ ބުންވަރާއި ވިލުންތެރިކަމަށް ތަޢުރީފުކުރައްވައި އެމަނިކުފާނު ވަނީ، ޒުވާނުންގެ އިޚުލާޞްތެރިކަމުގެ ބާރުން، ފުދުންތެރިކަމާއި، ވިލުންތެރިކަމާއި، ދެމެހެއްޓެނިވި ތަރައްޤީ ގެ މަންޒިލަށް ޤައުމު މިސްރާބު ޖަހާނޭކަން ޔަޤީންކުރައްވާކަމަށް ވިދާޅުވެފައެވެ. ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ހިއްސާކުރެއްވި މެސެޖުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ، ޤައުމީ ތަރައްޤީގައި ޒުވާނުން އަދާކުރާ ދައުރުގެ މުހިންމުކަމާއި ޤައުމުގެ މުސްތަޤުބަލު ބައްޓަންކުރުމުގައި ޒުވާނުން އަދާކުރާ ދައުރުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

މި ޝިޢާރަށް ބާރުދެއްވައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުވެސް ވަނީ، އެކްސް ގައި ޕޯސްޓެއް ކުރައްވާފައެވެ. ކޮންމެ ރަށަކުން، ކޮންމެ ކަހަލަ ޙާލަތަކުން އައި މީހެއް ކަމުގައިވިޔަސް، ކޮންމެ މީހެއްގެ ހުވަފެންތަކަކީވެސް އަގުހުރި ހުވަފެންތަކެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ. އަދި ހުރިހާ ޒުވާނުންނަށް ވެސް ހަމަހަމަ ފުރުޞަތުތައް ފަހިކޮށްދީ، ވަކި ތަނަކަށް ނުވަތަ ވަކި ޙާލަތަކަށް ނިސްބަތްވީތީ މީހެއްގެ ޤާބިލިއްޔަތަށް ވާސިލުވުމަށް ހުރި ފުރުޞަތުތައް ހަނި ނުވާނޭ ފަދަ ދިވެހިރާއްޖެއެއް ބިނާކުރުމަށް އެކަމަނާ ގޮވާލެއްވިއެވެ.

ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ 12 ވަނަ ދުވަސް، ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ، ޒުވާނުންނާ ގުޅުންހުރި މައްސަލަތަކާމެދު ހޭލުންތެރިކަން އިތުރުކޮށް، ބައިނަލްއަޤުވާމީ ތަރައްޤީގެ ބައިވެރިންކަމުގައި ވުމަށް ޒުވާނުންގެ ކިބައިގައިވާ ޤާބިލިއްޔަތު ފާހަގަކުރުމަށެވެ.

ad