logo

ރ އަތޮޅާއި ބ އަތޮޅުގެ 25 ރަށެއްގައި ސޯލާ ހައިބްރިޑް ނިޒާމުތައް ދިވެހި ސަރުކާރުން އިފްތިތާޙުކޮށްފި

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
12 ގަޑިއިރު ކުރިން

ދިވެހި ސަރުކާރާއި، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އަދި ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް (އީއައިބީ) ގުޅިގެން، ރ އަތޮޅާއި ބ އަތޮޅުގެ 25 ރަށެއްގައި ގާއިމުކުރި 6.4 މެގަވޮޓްގެ ސޯލާ ފޮޓޯވޮލްޓައިކް (ޕީވީ) ހައިބްރިޑް ކަރަންޓުގެ ނިޒާމުތައް ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.

މިއީ ރާއްޖޭގެ ހަކަތައިގެ ރައްކާތެރިކަން އިތުރުކުރުމަށާއި، އިމްޕޯޓްކުރާ ޑީސަލަށް ބަރޯސާވާ މިންވަރު ކުޑަކުރުމުގެ އިތުރުން، ތިމާވެށީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މި ނިޒާމުތައް އިފްތިތާޙުކުރުމުގެ ރަސްމިއްޔާތު މިއަދު ބާއްވާފައިވަނީ ރ. ކިނޮޅަހުގައެވެ. މިއީ "ޕްރިޕެއަރިންގ އައުޓަރ އައިލެންޑްސް ފޯ ސަސްޓެއިނަބަލް އެނަރޖީ ޑިވެލޮޕްމަންޓް" (ޕޮއިސްޑް) ޕްރޮޖެކްޓުގެ ދަށުން ކުރިއަށްދިޔަ މުހިންމު މަސައްކަތެކެވެ.

ޕޮއިސްޑް މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ 160 ރަށެއްގައި ގާއިމުކޮށްފައިވާ ޑީސަލުން ކަރަންޓު އުފައްދާ ނިޒާމުތައް ސޯލާ ޕީވީ ހައިބްރިޑް ނިޒާމުތަކަކަށް ބަދަލުކުރުމެވެ. މި މަޝްރޫޢުގެ ދަށުން މިހާތަނަށް 72 ރަށެއްގެ މަސައްކަތް ނިމި، އެ ރަށްރަށުގައި އަންނަނީ ހައިބްރިޑް ނިޒާމުތައް ބޭނުންކުރަމުންނެވެ. މި ރަށްތަކުގައި ޖުމްލަ 13.4 މެގަވޮޓް ޕީކްގެ ސޯލާ ޕީވީ އާއި، 10.6 މެގަވޮޓް އަވަރގެ ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް (ބީއީއެސްއެސް) ގާއިމުކުރުމާއި އަދި މިސިސްޓަމްތަކަށް ބޭނުންވާ އެނަރޖީ މެނޭޖްމަންޓް ސިސްޓަމް (އީއެމްއެސް) ހަރުކުރުމާއި އަދި އެކަމަށް ބޭނުންވާ ގްރިޑް އަޕްގްރޭޑްކުރުންވެސް މީގެތެރޭގައި ހިމެނެއެވެ. މީގެ އިތުރުން 27 މެގަވޮޓްގެ ޑީސަލް ޖަނަރޭޓަރު ވެސް ވަނީ ފޯރުކޮށްދީފައެވެ.

މިއަދު މި އިފްތިތާޙުކުރެވުނު 25 ރަށުގެ ނިޒާމުތަކުގައި ޖުމްލަ 6.36 މެގަވޮޓް ޕީކްގެ ސޯލާ ޕީވީ އާއި 10 މެގަވޮޓް އަވަރގެ ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ހިމެނެއެވެ. މި ނިޒާމުތަކުން އަހަރަކު 10.4 ގިގަވޮޓް އަވަރގެ ސާފު ހަކަތަ އުފައްދާނެއެވެ. މީގެ ސަބަބުން އަހަރަކު 3 މިލިއަނަށްވުރެ ގިނަ ލީޓަރުގެ ޑީސަލް ސަލާމަތްކުރެވި، ޖައްވަށް ދޫކުރާ ކާބަންޑައިއޮކްސައިޑްގެ މިންވަރު 8,400 މެޓްރިކް ޓަނުން މަދުކުރެވޭނެއެވެ.

ރަށްތަކުގެ ތަފްޞީލް:

ރަށުގެ ނަން އަތޮޅު ބެޓަރީ ސްޓޯރޭޖް ކެޕޭސިޓީ (kWh) ސޯލާ ޕީވީ ކެޕޭސިޓީ (kWp)

ރ އަލިފުށި 0.00 29.70

ރ ވާދޫ 412.16 250.80

ރ ރަސްގެތީމު 412.16 257.40

ރ އަނގޮޅިތީމު 412.16 250.80

ރ މާކުރަތު 172.03 176.00

ރ ރަސްމާދޫ 537.60 300.30

ރ އިންނަމާދޫ 618.24 350.90

ރ މަޑުއްވަރީ 344.06 400.40

ރ އިނގުރައިދޫ 618.24 350.90

ރފައިނު 412.16 250.80

ރ މީދޫ 516.10 450.45

ރ ކިނޮޅަސް 537.60 297.55

ރ ހުޅުދުއްފާރު 344.06 250.80

ބ ކުޑަރިކިލު 618.24 352.00

ބކަމަދޫ 172.03 198.00

ބ ކެންދޫ 344.00 249.70

ބ ކިހާދޫ 537.60 321.75

ބ ދޮންފަނު 537.60 301.40

ބ ދަރަވަންދޫ 0.00 25.30

ބ މާޅޮސް 716.80 396.00

ބ އޭދަފުށި 0.00 35.20

ބ ތުޅާދޫ 0.00 20.35

ބ ހިތާދޫ 618.24 371.80

ބފުޅަދޫ 537.60 217.80

ބ ފެހެންދޫ 537.60 250.80

ޖުމްލަ 9,956.29 6,356.90

މިއަދު މި އިފްތިތާޙުކުރެވުނު ރަށްތަކާއެކު، ޖުމްލަ 97 ރަށެއްގައި ޕޮއިސްޑް ޕްރޮޖެކްޓުގެ ދަށުން މަސައްކަތް ނިމި، ޖުމްލަ 19.8 މެގަވޮޓްގެ ސޯލާ ޕީވީ ކެޕޭސިޓީއާއި 20.6 މެގަވޮޓް އަވަރގެ ބެޓަރީ ސްޓޯރޭޖް ޤާއިމުކޮށްނިމި ބޭނުންކުރަމުންދާނެއެވެ. މީގެ އިތުރުން 23 ރަށެއްގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، އެ މަސައްކަތްތައް 2027 ވަނަ އަހަރު ނިމޭނެ ކަމަށް ލަފާކުރެވެއެވެ.

ޕޮއިސްޑް ޕްރޮޖެކްޓަކީ ޤައުމީ ހަކަތައިގެ ލަނޑުދަނޑިތަކަށް ވާސިލުވުމަށް އެހީތެރިވެދޭ މަޝްރޫޢެކެވެ. ދިވެހި ސަރުކާރުގެ އަމާޒަކީ 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެދުމެވެ. މިއީ ރާއްޖޭގެ "ނޭޝަނަލީ ޑިޓަރމިންޑް ކޮންޓްރިބިއުޝަން" (NDC) ގައިވެސް ހިމަނާފައިވާ މުހިންމު ލަނޑުދަނޑިއެކެވެ.

ad