ނޯތު ހާބަރަށް ގާތްކުރާ އޮޑިދޯނިފަހަރު ގިނަވެ، ކޭޓާކުރަން ދަތިވެފައިވާ ކަމަށް މާލޭ ވިޔަފާރި ބަނދަރު (އެމްޕީއެލް) އިން ބުނެފި އެވެ.
މާލޭ ނޯތު ހާބަރު ބޭނުންކުރުމުގައި އަލަށް އަމަލުކުރަން ފެށި އުސޫލުގެ ސަބަބުން އަތޮޅުތަކަށް މުދާ އުފުލާ ބޯޓުތަކަށް ދިމާވާ ގޮންޖެހުންތަކާ ހެދި ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމެޓީއަށް ހުށަހަޅާފައިވާ ސިޓީއާ ގުޅިގެން އެެމްޕީއެލްގެ އިސްވެރިން ވަނީ މިއަދު ކޮމިޓީއަށް ހާޒިރުކޮށްފަ އެވެ.
ސިޓީގައިވާ ގޮތުން މިހާރު ބޯޓެއް ނޯތު ހާބަރާ ގާތްކުރުމަށް 10-15 ދުވަހުގެ މުއްދަތެއް ހޭދަވެ އެވެ.
އެ މައްސަލާގައި މެމްބަރުން ކުރިމަތިކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން ނޯތު ހާބަރުގެ ސެކްޝަން މެނޭޖަރު މުހައްމަދު އަޒަރު ވިދާޅުވީ ކޮންމެ މަހަކު ކަހަލަ ގޮތަކަށް ނޯތު ހާބަރަށް ބޯޓުފަހަރު އިތުރުވަމުން އަންނަ ކަމަށެވެ.
އޭނާ ވިދާޅުވީ ނޯތު ހާބަރަށް ބޯޓުތައް ގާތްކުރަން ފެށިއިރު 80 ބޯޓަކުން އެތަން ބޭނުންކުރަމުން އައި ނަމަވެސް މިހާރު އެ އަދަދު 149 އަށް އިތުރުވެފައިވާ ކަމަށެވެ.
2024 - 25 ބޯޓާއި، 2025ގައި 34 ބޯޓް އަދި 2026ގެ މިހާތަނަށް 21 ބޯޓް އިތުރުވެފައިވާ ކަމަށް އެމްޕީއެލްއިން މައުލޫމާތު ދެއެވެ.
އަޒަރު ވިދާޅުވީ އެ ދަތިކަން އައީ ކުއްލިއަކަށް ނޫން ކަމަށާއި އެއީ ދުވަހެއް ދުވަހަށް ބާރު ބޮޑުވަމުން އައިސް ކުރިމަތިވި ހާލަތެއް ކަމަށެވެ. އަދި ބޯޓުތަކުގެ އަދަދު އިތުރުވަމުން އައި ނަމަވެސް އެތަނުގެ ފަޅު ބޮޑުކުރެވިފައި ނުވާ ކަމަށާއި އެކަމަކު ބޮޑުތަކުރުފާނު މަގު ފުޅާކުރުމުން ފަޅު ވަރަށް ބޮޑަށް ހަނިވެފައިވާކަން ފާހަގަކުރެއްވި އެވެ.
"ދުވަހެއް ދުވަހަށް ބާރު ބޮޑުވަމުން އައިސް މިހާތަނަށް މި އައީ. އެހެންވީމާ އަށްޑިހަ ވަރަކަށް ބޯޓުވީމާ އެއީ ވަރަށް ގިނަ އަދަދެއްގެ ބޯޓު. އެހެންވީމާ ލަސްވަމުން އަންނަނީ. ދެން ނޯތު ހާބަރު ފަޅެއް އިތުރަކަށް ބޮޑެެއް ނުވޭ. ފަޅު މި އޮތީ ހަމަ ކުރިން ވެސް އޮތްވަރަށް އިނގޭތޯ. އެހެންނަމަވެސް ބޯޓު ފަހަރު އިތުރުވަމުންދާތީ އެ އަންނަ ދަތިކަމެއް މި އަންނަނީ،"
އެހެންވެ، އޭނާ ވިދާޅުވީ އާ ބަނދަރު ތިލަފުށީގައި ހެދުމުން އެެކަމަށް ވަރަށް ބޮޑު ހައްލެއް އަންނާނެ ކަމަށެވެ.
އެކަމުގެ ސަބަބުން ބޯޓުތަކަށް އުނދަގޫވަމުންދާކަމުގެ ޝަކުވާ ލިބޭތޯ ސުވާލުކުރުމުން އޭނާ ވިދާޅުވީ ބޯޓުތަކަށް ފަސޭހައީ ކޮން ގޮތެއްތޯ ބެލުމަށް 104 ބޯޓެއްގެ ވެރިންނާ ވާހަކަ ދައްކައި ސާވޭ ހަދާފައިވާ ކަމަށެވެ. އޭގެ ނަތީޖާއިން ދައްކަނީ އެ މީހުންނަށް ވެސް ފަސޭހައީ މިވަގުތު އޮތް ގޮތަށް އަމަލުކުރުމުން ކަމަށް އަޒުރު ވިދާޅުވި އެވެެ.
"ބޯޓުތަކަށް ފަސޭހައީ ކޮން ގޮތެއްތޯ ބެލުމަށް 104 ބޯޓަކާ ސާވޭ ކުރެވިއްޖެ. އެ މީހުންނާ ވާހަކަ ދައްކާއިރު ކެޕްޓަނުން އޯނަރުން މި ބުނަނީ މިހާރު މިއޮތީ އެންމެ ރަނގަޅަށޭ. ދެން މިހާރު މަގު ފުޅާކުރުމާ ގުޅިގެން ނޯތު ހާބަރުގެ ފަޅުގެ ޖާގަ ވަރަށް ހަނިވެއްޖެ. ނޯތު ހާބަރުން ފުރާ އުޅަނދާއި ވަންނަ އުޅަނދުތަކުން ވެސް ބޭނުންކުރަން މި ޖެހެނީ އެތަނުގެ އެތެރެ،"
އަޒަރު ވިދާޅުވީ ނޯތު ހާބަރު ކިތަންމެ ހަނި ނަމަވެސް އެތަނުން ފުރާ އުޅަނދުތަކާއި ވަންނަ އުޅަނދުތަކުން ވެސް އެ ފަޅު ބޭނުންކުރަން ޖެހޭއިރު ފަޅު ހަނިވުމުގެ ސަބަބުން ޑަބަލް ބޭންކް ކުރެވެން ނެތް ކަމަށެވެ. އަދި ކުރީގައި އޮތްގޮތަށް ބަރިބަރިއަށް ބޯޓުތައް އަޅާފައި އޮތުމަކީ އަލިފާނުގެ ހާދިސާއެއް ހިނގިޔަސް ސަލާމަތީ ގޮތުން ނުރައްކާ ގޮތެއް ކަމަށް ވިދާޅުވި އެވެ. އެކަމަކު ފަހުން ގެނައި ބަދަލަކީ ރައްކާތެރިކަމަށް ބެލިޔަސް ރަނގަޅު ފިޔަވަޅެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ދެން ކުރީގައި އެގޮތަށް ބަރިބަރިއަށް ޖަހާފައި ހުންނައިރުގައި އަލިފާނުގެ ހާދިސާއެއް ހިނގިޔަސް ސަލާމަތީ ގޮތުން ބަލާއިރު ވަރަށް ނުރައްކާތެރި ކަމެއް އެއީ އެގޮތަށް އޮތަސް. މިހާރު ދޯނި ފަހަރުގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލާއިރު އެންމެ ރަނގަޅޭ ހުރިހާ ދޯނިތަކުގެ ވެރިން ވެސް ދެކެނީ،" މަޖިލީހުގެ ކޮމެޓީގައި އޭނާ ވިދާޅުވި އެވެ.
"އެހެންނަމަވެސް މިވާ ގޮތަކީ އޮޑިތައް ގިނަވެގެން ގޮސް އަޅުގަނޑުމެންނަށް މިހާރު ކޭޓާކުރެވޭ ވަރަށް ވުރެ ޖާގަ މިއޮތީ ދަތިވެފައި. ކުރިން އަށްޑިހަ ބޯޓާ އެކު އޮންނައިރު ޓާންވާނެތާ އަވަހަށް. އެހެންނަމަވެސް މިހާރު 149 ބޯޓާ އެކު ރޯލްކުރާއިރު މި އަންނަ ދަތިތަކެއް މި އަންނަނީ،"
އަޒަރު ވިދާޅުވީ ފަޅު ތޮއްޖެހުން ކުޑަކުރުމަށް ގަވައިދު އިސްލާހުކޮށްފައިވާ ކަމަށެވެ. ކުރިން އޮންނަނީ ނޯތު ހާބަރު ފަޅަށް ވަދެފައި ނޫނީ ކިއުގައި ނޯޓު ނުކުރެވޭ އުސޫލެވެ. އެކަމަކު މިހާރު އޮންނަނީ ނޯތު ހާބަރުން ނުކުންނަ ގޮތަށް، އެ ބޯޓަކުން ބޭނުންވެއްޖެ ހާލަތެއްގައި ކިއުގައި ނޯޓުކުރެވޭ ގޮތަށެވެ.
އޭނާ ވިދާޅުވީ ދުވާލެއްގެ މައްޗަށް ނޯތު ހާބަރުން ފުރަނީ އެވްރެޖުކޮށް ހަ ބޯޓު ކަމަށާއި އެއާ އެކު ދެން ކިއުގައި އޮންނަ ހަ ބޯޓަށް ނޯތު ހާބަރާ ގާތްކުރުމަށް، އެކަން އަންގާނެ ކަމަށެވެ.
ކޮމެޓީގައި އެމްޕީއެލްގެ ސީއީއޯ ހުސެއިން ޝަފީގު ވިދާޅުވީ ނޯތު ހާބަރުގައި އޮތީ ވަަރަށް ކުޑަ ޖާގައެއް ނަމަވެސް ތިލަފުއްޓަށް ބަދަލުކުރުމުން 2.3 މިލޯމީޓަރުގެ ކީވޯލެއް ލިބޭނެ ކަމަށެވެ. އަދި ނޯތު ހާބަރު ކުރިމައްޗަށްވާ ގޮތަށް އޮންނަ އަތޮޅު ފިހާރަތަކަކީ ވަރަށް ކުދި އަދި ހަނި މަގުތަކެއްގައި ހުންނަ ތަންތަން ކަމަށާއި އެ ތަނުން މުދާ ގެންދިއުމުގައި ވެސް ދަތިތަކެއް އެބަ ހުރި ކަމަށް ވިދާޅުވި އެވެ.
އެކަމަކު ތިލަފުއްޓަށް ބަދަލުކުރުމުން އަތޮޅު ފިހާރަތައް ހުންނާނީ ކީވޯލުގެ ކުރިމައްޗަށްވާ ގޮތަށް ހުންނަ ބޮޑެތި ވެއާހައުސްތަކެއްގައި ކަމަށެވެ. އެ މަގުތައް ވެސް ފުޅާވާނެ ކަމަށާއި ދަތުރުފަތުރުކުރުމަށް ވެސް ފަސޭހަވާނެ ކަމަށް ޝަފީގު ވިދާޅުވި އެވެ.
ޝަފީގު ވިދާޅުވި ގޮތުގައި އެ ބަދަލާ އެކު އެ ކުންފުންޏާއި ވިޔަފާރިވެރިންގެ އިތުރުން ނޯތު ހާބަރުން ހިދުމަތް ހޯދާ އޮޑިވެރިންނަށް ވެސް ވަރަށް ބޮޑު ލުޔެއް ލިބޭނެ އެވެ.

