logo

ތިލަމާލެ ބުރިޖުގެ އޮނިގަނޑު ނިމި މާލެ ވިލިމާލެ މިއަދު ގުޅާލަނީ

އާމިނަތު މޫސާ
10 ގަޑިއިރު ކުރިން

ތިލަމާލެ ބްރިޖް މަޝްރޫއުގެ ދަށުން މާލެއާއި ވިލިނގިލި ގުޅުވައިދޭ ސެގްމެންޓްތަކުގެ ތެރެއިން އެންމެ ފަހު ސެގްމެންޓް ނިންމައި، މިއަދު މާލެ އާއި ވިލިމާލެ ބްރިޖުން ގުޅާލުމަށް ތައްޔާރުވެއްޖެއެވެ.

ތިލަމާލެ ބުރިޖުގެ މަޝްރޫއު ކުރިއަށްގެންދާ އިންޑިއާގެ އެފްކޮންސް ކުންފުނިން ބުނީ، މާލެ-ވިލިމާލެ ގުޅުވާލާ ފަހު ސެގްމަންޓް ކާސްޓު ކުރުމުގެ މަސައްކަތް މިއަދު ހެނދުނު 11:00 ގައި ފެށުމަށް ހަމަޖައްސާފައިވާ ކަމަށެވެ.

އެ ކުންފުނިން ވަނީ، މި ފަހު ސެގްމެންޓް ބެހެއްޓުމާއެކު މާލެއާއި ވިލިނގިލި ގުޅުވައިދޭ ބްރިޖުގެ "ސުޕަ ސްޓްރަކްޗާ" ނުވަތަ މައި އޮނިގަނޑުގެ މަސައްކަތް މުޅިން ފުރިހަމަވެގެންދާނެ ކަމަށް ބުނެފަ އެވެ.

އެހެންނަމަވެސް، ބްރިޖުގެ ފިނިޝިން މަސައްކަތްތަކާއި، ރައްކާތެރިކަމުގެ ރޭލިންގްސް ހަރުކުރުމާއި، އަލިކުރުމުގެ މަސައްކަތްތައް ފަދަ އިތުރު އިދާރީ އަދި ފަންނީ މަސައްކަތްތަކަށް އިތުރު ވަގުތު ނަގާނެކަން ފާހަގަކޮށް އެ ކުންފުނިން ވަނީ، އާންމުންނަށް ދަތުރުފަތުރު ކުރަން ފެށޭނީ ފިނިޝިން މަސައްކަތްތައް އެކީ ނިމުމުން ކަމަށް ބުނެފަ އެވެ.

ތިލަމާލެ ބްރިޖު މަޝްރޫއުގެ ދަށުން، މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލާއިރު، އެ ރަށްތަކަށް ގުޅާލާ ހައިވޭތައް ހެދުމުގެ މަސައްކަތްވެސް އެކުއެކީގައި ދަނީ ކުރިއަށް ގެންދަމުންނެވެ.

އެގޮތުން ގުޅިފަޅުގައި ބްރިޖާ ގުޅޭ މަގުތައް ހެދުމުގެ މަސައްކަތް ބާރުސްޕީޑުގައި ކުރިއަށްދާއިރު، ތިލަފުށީގައި ކުރިއަށްދަނީ ބްރިޖާ ގުޅިގެން ޖަހަންޖެހޭ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކަމަށް ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން މައުލޫމާތުދެ އެވެ. ބުރިޖާއި ކޯޒުވޭތައް ހިމެނޭހެން މުޅި ކަނެކްޓިވިޓީގެ ދިގުމިން 6.7 ކިލޯމީޓަރަށް އަރައެވެ.

އިންޑިއާ ސަރުކާރުގެ 100 މިލިޔަން ޑޮލަރުގެ ގްރާންޓާއި، 400 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓުގެ ދަށުން ހިންގާ މުޅި މި މަޝްރޫއަށް 500 މިލިޔަން ޑޮލަރު ހޭދަވާ އިރު އެއީ، 7 ބިލިޔަނަށްވުރެ ގިނަ ރުފިޔާއެވެ. އަދި މި މަޝްރޫއަށް ދިވެހި ސަރުކާރުންވެސް ހަރަދު ކުރާ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހްގެ ވެރިކަމުގައި ތަރައްގީގެ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ މި މަސައްކަތް އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާއާ ހަވާލުކޮށްފައި ވަނީ 2021 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 26 ވަނަ ދުވަހުގަ އެވެ.

ad