logo

އިންޖިނިއާސް އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

އާމިނަތު މޫސާ
13 ގަޑިއިރު ކުރިން

ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެ ދާއިރާގައި ޝާމިލުވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "އިންޖިނިއަރސް އެވޯޑު 2026" އަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް މިނިސްޓްރީން ކުރި އިޢުލާނެއްގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމުގައި އިމާރާތްކުރުމުގެ ސިނާއަތަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ ސިނާއަތެއް ކަމަށެވެ. އެހެންކަމުން، މި ދާއިރާއިން ފާހަގަކޮށްލެވޭ ޚިދުމަތްތައް ކުރައްވާ ފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން މިއަހަރު ޖުމްލަ 10 ގިންތިއަކުން އެވޯޑު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި އެވޯޑުގެ މަގުސަދަކީ ދިވެހި އިންޖިނިއަރުންނާއި އިންޖިނިއަރިންގެ ދާއިރާގެ އުފެއްދުންތެރިކަމާއި ފަންނުވެރިން ހޯދާ ކާމިޔާބީ ފާހަގަކުރުމެވެ. އަދި ގައުމީ ތަރައްގީގައި އިންޖިނިއަރުންގެ އުފެއްދުންތެރިކަން ފާހަގަކުރުމާއި މިދާއިރާއަށް ޒުވާނުން ޝައުގުވެރިކޮށް ދާއިރާއިން ތައުލީމު ހާސިލްކުރުމަށް ހިތްވަރުދިނުމެވެ.

އިންޖިނިއަރުންގެ އެވޯޑު މިއަހަރު ދިނުމަށް ހަމަޖެހިފައިވަނީ 10 ގިންތިއަކީ:

  1. އިންޖިނިއަރިން އިނޮވޭޝަން، ޓެކްނޮލޮޖީ، އެޑިއުކޭޝަން އެންޑް ރިސާޗް އެވޯޑް
  2. އިންޖިނިއަރިން ކޮންސަލްޓަންޓް/ކޮންސަލްޓަންސީ ފާމް އޮފް ދި އިޔާ އެވޯޑު
  3. ކޮންޓްރެކްޓަރ އޮފް ދި އިޔާ އެވޯޑް
  4. ސަސްޓެއިނަބިލިޓީ ޗެމްޕިއަން އެވޯޑް
  5. ވިމެން އިން އިންޖިނިއަރިން އެވޯޑް
  6. ލައިފްޓައިމް އެޗިވްމަންޓް އެވޯޑް
  7. ކޮމިއުނިޓީ އިމްޕެކްޓް އެވޯޑް
  8. ސްޓޫޑަންޓް އިނޮވޭޓާ އެވޯޑް
  9. އިންޖިނިއަ އޮފް ދި އިޔާ
  10. ޔަންގް އިންޖިނިއަ އެވޯޑް

މިއެވޯޑަށް ސަރުކާރު އިދާރާތަކަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށާއި އިންޖިނިއަރިން މަސައްކަތް ކުރާ ކުންފުނިތަކާއި ފާމުތަކާއި ކޮންޓްރެކްޓަރުންނާއި ކޮންސަލްޓަންޓުންނާއި މަޝްރޫއުތައް ހިންގާ ޕްރޮޖެކްޓް ޓީމުތަކާއި އަދި ތައުލީމީ ދާއިރާ ނުވަތަ ދިރާސާކުރާ ޓީމުތަކަށްވެސް ކުރިމަތިލެވޭނެ އެވެ.

މި އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު މިއަދުން ފެށިގެން 20 އޮގަސްޓު 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 އާ ހަމައަށް ވަނީ ހުޅުވާލެވިފައެވެ. މި އެވޯޑަށް ކުރިމަތިލާ ފަރާތްތަކަކީ 03 އޮގަސްޓު 2026 ގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި "އިންޖިނިއަރސް އެވޯޑު ދިނުމާ ގުޅޭ އުސޫލު" ގައި ބަޔާންކޮށްފައިވާ ޝަރުތުތައް ހަމަވާ ފަރާތްތަކަށް ވާންޖެހޭނެއެވެ.

އެވޯޑަށް ނަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުން މިނިސްޓްރީގެ ޚާއްޞަ ޕޯޓަލް މެދުވެރިކޮށް އޮންލައިން އެޕްލިކޭޝަން ފޯމާއި ބޭނުންވާ ލިޔެކިޔުންތައް ހުށަހެޅޭނެއެވެ. އަދި އެވޯޑާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން އަށް އީމެއިލް ކުރެއްވުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

ad