އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ކުރެއްވި ސުވާލަށް ދެއްވި ޖަވާބުގައެވެ.
ވަޒީރު ވިދާޅުވީ އައްޑޫ ލިންކް ރޯޑުގެ މަޝްރޫއަކީ މުހިންމު މަޝްރޫއެއް ނަމަވެސް ބޮޑު ހަރަދެއް ހިނގާނެ މަޝްރޫއެއްކަމަށެވެ. އެގޮތުން މުޅި މަޝްރޫއުގެ ޖުމްލަ ހަރަދުގެ ގޮތުގައި 400 މިލިއަން ރުފިޔާ ހިނގާނެކަމަށް އަންދާޒާކުރެވޭކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ އައްޑޫ ލިންކު ރޯޑުގެ މަސައްކަތަކީ ޚަރަދު ބޮޑު މަސައްކަތަކަށްވުމުން ވީހާވެސް ޚަރަދު ކުޑަކޮށް ކުރުމަށް ސަރުކާރުން މަސައްކަތް ކުރާ ކަމަށާ، އެ މަގު ނޫން އެހެން މަގުތައް އާރްޑީސީން ކުރިއަށް ގެންދާ ގޮތަށް ބާއްވައި، އެމަގުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްގެން ކުރިއަށް ގެންދަން މަސައްކަތް ކުރައްވާ ކަމަށެވެ.
ލިންކް ރޯޑު އަލުން ހެދުމަށް ވުޒާރާއިން އާރުޑީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ އޭޕްރީލްމަހުގެ އަށް ވަނަ ދުވަހުއެވެ. ޑިޒައިން އެންޑް ބިލްޑް އުސޫލުން އައްޑޫ ލިންކް ރޯޑާއި އެ މަގާ ގުޅިފައިވާ މަގުތަކާއި ފެން ހިންދާ ނިޒާމު ގާއިމްކުރުމުގެ މަސައްކަތް ކުރުން އެއްބަސްވުމުގެ ތެރޭގައި ހިމެނެއެވެ.
ލިންކް ރޯޑު ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން ޖުމްލަ 12.3 ކިލޯމީޓަރުގެ ސަރަހައްދެއް ޒަމާނީ ފެންވަރަށް ތަރައްޤީކުރާނެއެވެ. މި މަޝްރޫއުގެ ދަށުން 67.58 ކިލޯމީޓަރުގެ ސީޓީބީ އަޅާފައިވާ މަގުތަކުގައި ތާރު ނުވަތަ ގައު އެޅުމާއި ފޭދޫގައި ފެން ހިންދާ ނިޒާމު ގާއިމްކުރުމާއި ދުވާރުތައް ހެދުމާއި މަގުގެ ފާހަގަތަކާއި މަގުމަތީގެ ނިޝާން ބޯޑުތައް ހަރުކުރުން ފަދަ މަސައްކަތްތައް ހިމެނެއެވެ.
ހިތަދު އާއި މަރަދު އާއި މަރަދޫފޭދު އާއި ފޭދޫ އަދި ގަން ގުޅުވާލާ 16 ކިލޯމީޓަރުގެ އައްޑޫ ލިންކް ރޯޑު ހެދުމުގެ މަސައްކަތް ފެށީ 2001 ވަނަ އަހަރު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައެވެ. އެ މަސައްކަތް ނިންމައި އެ މަގު ބޭނުންކުރަން ފެށީ 2003 ވަނަ އަހަރުއެވެ.

.jpg&w=3840&q=75)