މިދިޔަ އަހަރާ އެއް އަދަދަކަށް މި އަހަރުވެސް ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތް ކުރާނެ ކަމަށް ޓުއަރިޒަމް މިނިސްޓަރ މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ރޭ ކުރިޔަށް ގެންދިޔަ "އަހާ" ފޯރަމްގައި ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ އަމީން ވިދާޅުވީ، 2025 ވަނަ އަހަރަކީ ރާއްޖޭގެ ތާރީޚުގައި އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރި އަހަރުކަމަށެވެ. އަދި އެ އަހަރުގެ ރެކޯޑް އަދަދާ މިއަހަރުގެ އަދަދުތައް އަޅާބަލާއިރު، މިއަހަރު ނިމޭ އިރު އެ އަދަދު ތަކާ ހަމަ ކުރެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް މިނިސްޓަރ އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވި ގޮތުގައި 2025 ވަނަ އަހަރުގެ ރެކޯޑު އަދަދުތައް ހާސިލުކުރެވުނީ ރައްކާތެރިކަމުގެ މިންގަނޑުތައް މަތިކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވަޢުދުފުޅުގެ ދަށުން ސިވިލް އޭވިއޭޝަންގެ ދާއިރާއަށް ގެނެވުނު ބަދަލުތަކުގެ ސަބަބުންނެވެ. އެގޮތުން ކުރިން އައިކާއޯގެ އޮޑިޓުން ރާއްޖެއަށް 54 ޕަސެންޓު ލިބިފައި އޮތް ނަމަވެސް، އެންމެ ފަހުގެ އޮޑިޓުން ރާއްޖެއަށް 89.6 ޕަސެންޓު ލިބުމާއެކު ޔޫރަޕުގެ އިތުރު އެއާލައިންތައް ރާއްޖެއަށް ދަތުރުކުރަން ފެށިކަން އޭނާ ފާހަގަކުރެއްވިއެވެ.
އަމީން ވިދާޅުވީ، މި އަހަރުގެ ފެށުން ވަރަށް ރަނގަޅުވީ ނަމަވެސް، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ޖެހިގެން އައި މަސްތަކުގައި ފަތުރުވެރިންގެ އަދަދު 24 އިންސައްތައަށް ދަށްވި ކަމަށެވެ. ނަމަވެސް ސަރުކާރާއި މުޅި ސިނާއަތް ގުޅިގެން ކުރި މަސައްކަތުން މިހާރު އެ ވެއްޓުން 1.3 އިންސައްތައަށް ކުޑަކުރެވިފައިވާ ކަމަށް ފާހަގަކުރެއްވިއެވެ.
މިދިޔަ އަހަރު ރާއްޖެއަށް 2.2 މިލިއަން ފަތުރުވެރިން އައިސްފައިވާއިރު، މި އަހަރުގެ މިހާތަނަށް 1.6 މިލިއަން ފަތުރުވެރިން ވަނީ ޒިޔާރާތްކޮށްފައެވެ.

