logo

ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ މުސާރަ ބޭންކަށް ޖަމާކުރަން ލާޒިމްކޮށްފި

އާމިނަތު މޫސާ
18 ގަޑިއިރު ކުރިން

ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީ މަސައްކަތްތެރިންގެ މުސާރަ، ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ބޭންކަކަށް ޖަމާކުރަން ލާޒިމްކޮށްފިއެވެ. އެގޮތަށް ލާޒިމްކޮށްފައިވަނީ ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވައިދަށް ގެނައި ތިން ވަނަ އިސްލާހުގައެވެ. މި އިސްލާހު މިހާރު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައެވެ.

އެ ގަވައިދަށް އަލަށް އިތުރުކުރި (ރ) ގައި ބަޔާންކޮށްފައިވަނީ، ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ބިދޭސީ މުވައްޒަފުންނަށްވެސް ވަޒީފާގެ އެއްބަސްވުމުގެ ދަށުން ދޭންޖެހޭ މުސާރަ ޖަމާކުރަންވާނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި ރަޖިސްޓަރީކޮށްފައިވާ ނުވަތަ އެ އޮތޯރިޓީން ހުއްދަ ދީފައިވާ ބޭންކެއްގައި އެ މުވައްޒަފެއްގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓަކަށް ކަމަށެވެ. މި އިސްލާހަށް އަމަލުކުރަން ފަށާނީ ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެން 30 ދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ.

މިއާއިއެކު ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ މުސާރަ ބޭންކަށް ޖަމާކުރުން ލާޒިމްވެގެންދާނެއެވެ. ރާއްޖޭގައި މަސައްކަތްކުރަމުންދާ ބިދޭސީން ގަވައިދުގެ ތެރެއަށް ވައްދައި އެ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ގަވައިދުގެ ތެރެއަށް ވައްދައި އެ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ވަޒީފާ އަދާކުރާ ބިދޭސީންގެ ތެރެއިން ބައެއް މީހުންނަށް ޑޮލަރުން އަދި އަނެއްބައި މީހުންނަށް ދިވެހި ރުފިޔާއިން މުސާރަ ލިބޭއިރު، ލިބޭ ޑޮލަރު ކަޅު ބާޒާރުގައި ވިއްކުމާއި، ރުފިޔާއިން މުސާރަ ލިބޭ މީހުން ބޮޑު އަގުގައި ޑޮލަރު ގަންނަ މައްސަލަތައް އަބަދުވެސް ފާހަގަކުރެވެއެވެ.

މި ސަރުކާރުން ޑޮލަރުގެ މައްސަލައަށް ބޮޑު ހައްލެއް ހޯދުމަށް ވަރުގަދަ ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ. އެގޮތުން އަޅާ އެއް ފިޔަވަޅަކީ ރިސޯޓްތަކާއި ގެސްޓްހައުސްތަކަށް ލިބޭ ޑޮލަރުގެ އާމްދަނީގެ 40 އިންސައްތަ ރާއްޖޭގެ ބޭންކުތަކަށް މާރުކުރަން ޖެހޭ ގޮތަށް ބޭރު ފައިސާގެ ގާނޫނު ބަދަލު ކުރުމެވެ. މިއީ ރާއްޖޭގެ ބޭރު ފައިސާގެ ބާޒާރު ހަމަމަގަށް އެޅުވުމަށާއި ވިޔަފާރިވެރިންނަށް މުދާ އެތެރެކުރުމުގައި ޑޮލަރު ހޯދުމަށް ދިމާވާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދުމަށް އަޅަމުންދާ މުހިންމު ފިޔަވަޅުތަކުގެ ތެރެއިން ބައެކެވެ.

މި ބަދަލުގެ އިތުރުން ބޭރު ފައިސާ މާރުކުރުމަށް މިހާރު ދީފައިވާ ތިން މަސް ދުވަހުގެ މުއްދަތު އުވާލައި ކޮންމެ މަހަކުވެސް ފައިސާ މާރުކުރަންޖެހޭ ގޮތަށް ބަދަލުކުރުމާއި، ގާނޫނުގައި ޑޮލަރުން މުއާމަލާތްކުރެވޭނެ ކަމަށް ބަޔާންކޮށްފައިވާ ހާލަތްތަކުގައި ޑޮލަރުން ހަދާ ޕޭމެންޓުތަކުގެ ތަފުސީލު އެމްއެމްއޭއާ ހިއްސާކުރުން ލާޒިމުކުރުން ހިމެނެއެވެ.

ad