logo

ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް ސްޓެލްކޯއިން އައްޑޫ ސިޓީއަށް ދެ ޖަނަރޭޓަރު ގެންގޮސްފި

ދިވެހި ޗެނަލް
ދިވެހި ޗެނަލް
9 ގަޑިއިރު ކުރިން

އައްޑޫ ސިޓީގައި ކަރަންޓުގެ ޚިދުމަތް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށާއި، ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން 1.6 މެގަވޮޓުގެ އައު ދެ ޖަނަރޭޓަރު ސެޓު އައްޑޫ ސިޓީއަށް ގެންގޮސްފިއެވެ. ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ސްޓެލްކޯއިން ބުނެފައިވަނީ، އެ ކުންފުނިން އެ ސަރަޙައްދުގައި ކަރަންޓުގެ ޚިދުމަތް ދޭން ފެށުމަށްފަހު، ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ޚިދުމަތް ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން މި ޖަނަރޭޓަރުތައް އައްޑޫ ސިޓީއަށް ގެންގޮސްފައިވާ ކަމަށެވެ. މި ދެ ޖަނަރޭޓަރު ސެޓު އިންސްޓޯލްކޮށް، ކޮމިޝަންކުރުމުގެ މަސައްކަތް ނިމި ބޭނުންކުރަން ފެށުމުން އައްޑޫ ސިޓީގެ ކަރަންޓު އުފެއްދުމުގެ ޤާބިލުކަން އިތުރުވެގެންދާނެ ކަމަށާއި މި އިތުރުކުރެވޭ ކެޕޭސިޓީގެ ސަބަބުން ރައްޔިތުންނަށް ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އެހީތެރިވެދޭނެކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ. އައްޑޫ ސިޓީގައި ކަރަންޓުގެ ޚިދުމަތް ހަރުދަނާކުރުމަށް އެ ކުންފުނިން މުހިންމު ފިޔަވަޅުތަކެއް އަޅަމުންދާއިރު، މި އައު ޖަނަރޭޓަރުތަކަކީ އިތުބާރު ހުރި އަދި ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓު ފޯރުކޮށްދިނުން ކަށަވަރުކުރުމަށް ކުރަމުންދާ ފުޅާ މަސައްކަތްތަކުގެ ބައެކެވެ.

ad