އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި މޫސުމާ ބެހޭ އައު އޮފީހަކާއި އެންމެ ޒަމާނީ އެސް-ބޭންޑް ޑޮޕްލާ ވެދާ ރާޑަރެއް ބެހެއްޓުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ފަށައިފިއެވެ.
އެންވަޔަރަމަންޓް މިނިސްޓްރީޏް ހާމަކުރި ގޮތުގައި، މިހާރު ކުރިއަށްދަނީ އިމާރާތް ބިނާކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުގެ ބިން ސާފުކުރުމުގެ މަސައްކަތެވެ. މީގެ އިތުރުން އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމުގެ ގޮތުން ސީސީޓީވީ ކެމެރާ ހަރުކުރުމުގެ މަސައްކަތްވެސް މިހާރު ދަނީ ހިނގަމުންނެވެ.
މި މަސައްކަތްތައް ނިމުމުން އައު މެޓް އޮފީހާއި ޒަމާނީ ރާޑަރު ބެހެއްޓުމުގެ މައިގަނޑު ޢަމަލީ މަސައްކަތްތައް ވަރަށް އަވަހަށް ފަށާނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.
އައްޑޫ އެއަރޕޯޓްގައި އަލަށް ބަހައްޓާ މި ރާޑަރުގެ ސަބަބުން ރާއްޖޭގެ ދެކުނުގެ މޫސުން ވަގުތުން ވަގުތަށް ބަލައި ދެނެގަތުމަށް ފަސޭހަވެގެން ދާނެއެވެ. އަދި މި ވަސީލަތުގެ ސަބަބުން ވިއްސާރައާއި ކޮޅިގަނޑުތައް އުފެދިގެން އަންނަ ގޮތާއި މިސްރާބު ދުރާލައި ދެނެގަނެވި، އާންމު ރައްޔިތުންނަށް ދޭންޖެހޭ ރައްކާތެރިކަމުގެ އިންޒާރުތައް އަވަހަށް ފޯރުކޮށްދިނުމުގެ ގާބިލުކަން އިތުރުވެގެންދާނެއެވެ. އަދި ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްވެސް މިއީ މުހިންމު އެހީއަކަށް ވެގެންދާނެއެވެ.
މި މަޝްރޫއު ނިމި ޚިދުމަތް ދޭން ފެށުމުން، މެޓްގެ ހިދުމަތްތައް ލާމަރުކަޒީކޮށް، ދެކުނުގެ ސަރަހައްދުގައި މޫސުމީ މައުލޫމާތު އެއްކުރުމުގެ ނިޒާމު އިތުރަށް ވަރުގަދަވެގެންދާނެއެވެ.

