ބާޒާރުގައި އާންމު ބައެއް ކާބޯތަކެތީގެ އަގުތައް އުފުލިފައިވާ ކަމަށް ބުނެ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުން ދިޔަ ނަމަވެސް، އެ ކުންފުނިން ވިއްކަމުންދާ އަސާސީ އެއްވެސް ބާވަތެއްގެ އަގު ބޮޑު ނުކުރާ ކަމަށާއި، ބާޒާރުން ތަކެތި ހުސްނުވެ ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބުނެފިއެވެ.
އެސްޓީއޯއިން ހާމަކުރި ގޮތުގައި އެ ކުންފުނީގެ އަމާޒަކީ އަބަދުވެސް ރައްޔިތުންނަށް ހެޔޮ އަގުގައި މެދުކެނޑުމެއްނެތި ކާބޯތަކެތި ފޯރުކޮށްދިނުން ކަމަށްވާތީ، މި ދަނޑިވަޅުގައި ވެސް އެ ކުންފުނިން ތަކެތި ވިއްކަމުން ދަނީ ކުރިއެކޭ އެއްގޮތަށް ކޮންޓްރޯލް ކުރެވިފައިވާ ހެޔޮ އަގުތަކުގައެވެ.
އެގޮތުން، ބައެއް އަމިއްލަ ފިހާރަތަކުން އަގު އިންތިހާއަށް އުފުލިފައިވާ ކެރެޓް ކިލޯއެއް އެސްޓީއޯއިން މިހާރުވެސް ވިއްކަމުން ދަނީ 40 ރުފިޔާއަށެވެ. އަދި ބިހެއް 2 ރުފިޔާއަށް ލިބެން ހުރިއިރު، ބިސް ކޭހެއް ވިއްކަނީ 415 ރުފިޔާއަށެވެ. މީގެއިތުރުން، އާންމު ބޭނުންތަކަށް އެންމެ ގިނައިން ބޭނުންކުރާ ފިޔާ ކިލޯއެއް 15 ރުފިޔާއަށް، އަލުވި ކިލޯއެއް 12 ރުފިޔާއަށް އަދި ލޮނުމެދު ކިލޯއެއް އެސްޓީއޯއިން ވިއްކަނީ 50 ރުފިޔާއަށެވެ.
އިގްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ "އަގުމަގު" ޕޯޓަލްގެ ހިސާބުތަކަށް ބަލާއިރު، މި މަހުގެ ކުރީކޮޅު ބާޒާރުގައި 25 ރުފިޔާއަށް ލިބެންހުރި ކެރެޓް ކިލޯއެއްގެ އަގު ބައެއް ފިހާރަތަކުގައި ވަނީ 50 ރުފިޔާއިން ފެށިގެން 120 ރުފިޔާއާ ދެމެދުގެ އަގުތަކަކަށް އުފުލިފައެވެ. އަދި ބައެއް ފިހާރަތަކުގައި ކުކުޅު ބިހެއްގެ އަގު 3 ރުފިޔާއަށް ވެސް ވަނީ މައްޗަށް ޖައްސާފައެވެ. މި ބަދަލުތަކާ ގުޅިގެން ގިނަ ބަޔަކު ދަނީ ޝަކުވާ ކުރަމުންނެވެ.
ނަމަވެސް އެސްޓީއޯއިން ބުނީ ބާޒާރުގައި އަސާސީ އެއްވެސް ބާވަތެއްގެ ޝޯޓޭޖެއް (ތަދުމަޑުކަމެއް) ނޫޅޭ ކަމަށާއި، ކުރިއަށް އޮތް ތަނުގައި ވެސް ދަތިކަމެއް ނެތި އާންމުންނަށް ބޭނުންވާ ވަރަށް އެތަކެތީގެ ސްޓޮކް އެ ކުންފުނީގެ ގުދަންތަކުގައި އެބަހުރި ކަމަށެވެ.

