މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އިން އިންތިޒާމުކޮށްގެން ބާއްވާ ގައުމީ ހުނަރާއި ވަޒީފާގެ އެންމެ ބޮޑު ހަރަކާތް، "ވަރަ އެކްސްޕޯ 2026" މި މަހުގެ 26 އިން 28 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދާ މި އެކްސްޕޯ ކުރިޔަށްަ ގެންދިއުމަށް ހަމަޖެހިފައިވަނީ ކޮންމެ ދުވަހެއްގެ ވެސް ހަވީރު 4:00 އިން ރޭގަނޑު 10:00 އަށެވެ.
މިއީ އާންމުކޮށް ހުރިހާ ފަރާތްތަކަށް ހިލޭ ވަދެވޭ ގޮތަށް ހުޅުވާލައިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.
ޒުވާނުންނާއި ވަޒީފާ ހޯދާ ފަރާތްތަކަށް އަމާޒުކޮށްގެން ބާއްވާ މި އެކްސްޕޯގެ މައިގަނޑު ބޭނުމަކީ ކެރިއަރ ފުރުސަތުތައް ދެނެގަތުމާއި، ތަފާތު ސިނާއަތްތަކާ ސީދާ ގުޅުން ބަދަހިކުރުމުގެ އިތުރުން، އާ އީޖާދުތަކާއި ހުނަރުތައް އެއް ފުރާޅެއްގެ ދަށުން ދައްކާލުން ކަމަށް މިނިސްޓްރީން ހާމަކުރެއެވެ. މީގެ އިތުރުން 1،500 އަށް ވުރެ ގިނަ ވަޒީފާ އަދި ތަމްރީނުގެ ފުރުސަތު މި އެކްސްޕޯގެ ތެރެއިން ފަހިކޮށްދިނުމަށް ވަނީ އަމާޒު ކޮށްފައެވެ.
ހަތަރު ޒޯނަކަށް ބަހާލައިގެން ކުރިއަށްގެންދާ މި އެކްސްޕޯގައި ވަޒީފާގެ ފުރުސަތުތަކާއި އޮން-ދަ-ސްޕޮޓް އިންޓަވިއުތައް ކުރިއަށްދާ "ކެރިއަރ ޒޯން"، މަތީ ތައުލީމާއި ސްކޮލަޝިޕް އަދި ލޯނުތަކުގެ މައުލޫމާތު ލިބޭ "އެޑިއުކޭޝަން ޒޯން"، އަމަލީ ތަޖުރިބާ ހޯދުމަށް ސިމިއުލޭޓަރުތަކާއި ވޯކްޝޮޕްތައް ހިމެނޭ "ސްކިލްސް އެކްސްޕީރިއަންސް ޒޯން" އަދި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ އުފެއްދުންތަކަށް ހާއްސަ "މާކެޓް ޒޯން" އެއް ހިމެނެ އެވެ.
މި އެކްސްޕޯ އަކީ ރާއްޖޭގެ ހުނަރާއި ވަޒީފާގެ އަދި ތަޢުލީމީ ފުރުސަތު ތަކަަށް ބޭއްވެ އެންމެ ބޮޑު ހަރާކާތައް ވާއިރު، މިދިޔަ އަހަރުގެ މި އެކްސްޕޯ އަށް ވެސް ތިރީސް ހާހަށް ވުރެ ގިނަ ފަާރާތްތަކުން ޒިޔާރަތް ކޮށްފައިވާ ކަން ފާހަގަ ކޮށްލެވެއެވެ.

