ޗައިނާގެ ޓިއަންޖިންގައި ބޭއްވުމަށް ހަމަޖެހިފައިވާ "2 ވަނަ ޓިއަންޖިން އިންޓަނޭޝަނަލް އިމްޕޯޓެޑް ފުޑް އެންޑް އެގްރިކަލްޗަރަލް ޕްރޮޑަކްޓްސް އެގްޒިބިޝަން" (ސީފާ 2027) ގައި ބައިވެރިވުމުގެ ފުރުޞަތު ދިވެހިރާއްޖެއަށް ހުޅުވާލައިފިއެވެ.
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ، 2027 ވަނަ އަހަރުގެ އެޕްރީލް 22 އިން 24 އަށް ކުރިއަށްދާ މި މައުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖެއަށް ހުޅުވާލެވިފައިވާ ކަމުގެ މަޢުލޫމާތު ޗައިނާ ސަރުކާރުން އެ މިނިސްޓްރީއާ ހިއްސާކޮށްފައިވާ ކަމަށެވެ. އަދި މި މައުރަޒުގައި ރާއްޖޭގެ ކުންފުނިތަކާއި، ސިނާއީ އެކި ދާއިރާތަކުން ބައިވެރިވުމަށް މައުރަޒު އިންތިޒާމުކުރާ ފަރާތުން ދަޢުވަތު އަރުވާފައިވާ ކަމަށްވެސް އެ މިނިސްޓްރީން މަޢުލޫމާތު ދެއެވެ.
މި މައުރަޒު ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ ދުނިޔޭގެ އެކި ޤައުމުތަކުގެ އުފެއްދުންތެރިންނާއި މުދާ އެކްސްޕޯޓްކުރާ ފަރާތްތައް، ޗައިނާގެ އިމްޕޯޓަރުންނާއި މުދާ ގަންނަ ފަރާތްތަކާ ގުޅުވައިދިނުމެވެ. އަދި މިކަމުގެ ސަބަބުން ކާބޯތަކެއްޗާއި ދަނޑުވެރިކަމުގެ އުފެއްދުންތަކުގެ ބައިނަލްއަޤްވާމީ ވިޔަފާރި އިތުރަށް ފުޅާވެ، ކުރިއަރައިގެންދާނެއެވެ. މީގެއިތުރުން، މި މައުރަޒަކީ ދިވެހި ވިޔަފާރިތަކަށް ޗައިނާގެ ބޮޑު މާކެޓަށް ވަދެ، ވިޔަފާރީގެ އައު ގުޅުންތައް ޤާއިމުކުރުމަށާއި، ބައިނަލްއަޤްވާމީ ފެންވަރުގައި އުފެއްދުންތައް އިޝްތިހާރުކުރުމަށް ލިބިގެންދާނެ އަގުހުރި ފުރުޞަތެކެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ، މި މައުރަޒުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން، މައުރަޒުގެ އިންތިޒާމުކުރާ ފަރާތުގެ އީމެއިލް ([email protected])އަށް މެއިލް ކުރައްވައިގެން އިތުރު މަޢުލޫމާތު ހޯއްދެވޭނެ ކަމަށެވެ. އަދި ބައިވެރިވާން އެދޭ ފަރާތްތަކުން ރަޖިސްޓްރޭޝަން ފުރިހަމަކުރުމަށްފަހު، އެ މަޢުލޫމާތު އަށް އީމެއިލް މެދުވެރިކޮށް ހިއްސާކުރުމަށް ވެސް މިނިސްޓްރީން ވަނީ އެދިފައެވެ.
މި މައުރަޒާ ގުޅޭ އިތުރު ތަފްޞީލު މަޢުލޫމާތު މައުރަޒުގެ ރަސްމީ ވެބްސައިޓް (www.cifaexpo.com) މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީގެ އިޢުލާނުގައި ފާހަގަކޮށްފައިވެއެވެ.


