logo

މަސް ގަންނަން މިހާރު ދައުލަތުން މިފްކޯއަށް ފައިސާ ދޭކަށް ނުޖެހޭ: ވަޒީރު ޝިޔާމް

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
3 ގަޑިއިރު ކުރިން

ސަރުކާރުގެ ސަބްސިޑީއަކާ ނުލައި ހިންގާ ކުންފުންޏަކަށް އެ ކުންފުނި ބަދަލުވެފައިވާ ކަމަށް މަސްވެރިކަމާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް ވިދާޅުވީ މިފްކޯގެ ޚަރަދުތައް ކުޑަކުރެވިފައިވާ ކަމަށާއި، މިފްކޯގެ އެފިޝިއަންސީ ރަނގަޅުކުރެވިފައިވާ ކަމަށެވެ. މީގެ ކުރިން ޝީޔާމް ވަނީ މަސްވެރިކަމުގެ ސިނާއަތުގައި ޒަމާންވީ އިހުމާލު އެބައޮތް ކަމަށާއި ފެލިވަރުގައި އެންމެ ފެކްޓްރީއެއް ހިންގާތާ 40 އަހަރުވެފައިވާ ކަންވެސް ފާހަގަ ކުރައްވާފައެވެ. އެގޮތުން އޭނާ ވިދާޅުވީ މަސްވެރިކަން ކުރިއެރުވުމުގެ ވާހަކަތައް ސަރުކާރުތަކުން ދައްކާފައި އޮތަސް އަމަލީ ގޮތުން އެކަމެއް ފެންނާކަށް ނެތް ކަމަށެވެ.

މިދިޔަ ސަރުކާރު ނިމެން ކައިރިވެފައި އޮއްވައި މަސް ކިލޯއެއް 25ރ. އަށް ގަންނަން ސިޔާސަތަށް ގެނައި ބަދަލަށް ފާޑުވިދާޅުވަމުން ޝިޔާމް ވިދާޅުވީ އެ އަގު މިފްކޯއިން މަސް ގަތުމަށް ކޮންމެ ކިލޯއަކަށް 13ރ. ސަރުކާރުން ދައްކަން ޖެހުނު ކަމަށެވެ. އަހަރެއްގެ މައްޗަށް 123،000 ޓަނުގެ ކަޅުބިލަމަސް ނަމަ، ސަރުކާރުން ސަބްސިޑީގެ ގޮތުގައި މިފްކޯއަށް ބިލިއަނުން ފައިސާ ދޭން ޖެހޭ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މުޅި ސިނާޢަތުގެ މިޞްރާބު މިފްކޯއާ ގުޅިފައިވާތީ، އެ ކުންފުނީގެ ހިންގުން ހަރުދަނާކޮށް އަމިއްލަ އާމްދަނީން ހިންގޭ ތަނަކަށް ހެދުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދޭ ކަމަށެވެ. އެގޮތުން، ކުރީގައި މަސް ކިލޯއެއް ޕްރޮސެސްކުރުމަށް 12 ރުފިޔާ ހޭދަވާއިރު، މަސްވެރިންގެ އަތުން 25 ރުފިޔާއަށް މަސް ގަތުމުން ކުންފުންޏަށް ބޮޑެތި ގެއްލުންތަކެއް ވަމުންދިޔަ ނަމަވެސް، ސަރުކާރާއި މިފްކޯގެ މެނޭޖްމަންޓް ގުޅިގެން އެޅި ފިޔަވަޅުތަކާއެކު ފައިސާ ލީކުވުން މިހާރު ހުއްޓުވިފައިވާ ކަމަށެވެ.

މިފްކޯއަށް ވިއްކާ ތެލަށް ދެމުންދާ ސަބްސިޑީ ކަނޑާލައި، އޭގެ ބަދަލުގައި ސީދާ އޮޑިފަހަރަށް ތެލުގެ ސަބްސިޑީ ލިބޭނެ ގޮތް ހަމަޖައްސާފައިވާކަން ޝިޔާމް ހާމަކުރެއްވިއެވެ. އަދި ސީދާ އެފްއެސްއެމް މެދުވެރިކޮށް މަސްވެރިންނަށް ތެޔޮ ގަންނަން ލިބުމަކީ ސިނާޢަތުގައި ޢަދުލުވެރިކަން ޤާއިމުވެ، އޮޑިވެރިންނަށް ލިބުނު ބޮޑު ލުޔެއް ކަމަަށް ޝިޔާމް ވިދާޅުވިއެވެ.

މީގެ ކުރީ ސަރުކާރުތަކުން ސިޔާސީ ގޮތުން ވޯޓު ހޯދުމަށް މިފްކޯއަށް ސަބްސިޑީ ދީގެން މަސްވެރިންގެ އަތުން މަސް ގަނެގެން ތިބީ ކަމަށާއި ނަމަވެސް، މި ސަރުކާރުން މިހާރު ވަނީ ސަރުކާރުން ދޭ ސަބްސިޑީއާ ނުލައި މަސް ގަނެވޭނެ ގާބިލުކަން ހުރި ކުންފުންޏަކަށް މިފްކޯ ހަދައިފަ އެވެ.

ad