ދިވެހިރާއްޖޭގައި މެރިކަލްޗަރގެ ޞިނާޢަތެއް ބިނާކޮށް ކުރިއެރުވުމަށްޓަކައި، މި ދާއިރާއިން ވިޔަފާރިކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މޫދުކޮށި ވިއްކުމަށް ހުޅުވާލައިފިއެވެ.
މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ، އަމިއްލަ ފަރާތްތަކަށް މޫދުކޮށި ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖައްސައިދީ، ފާނަ ފަދަ ބާވަތްތައް މޫދުކޮށީގައި ގެންގުޅެ ބޮޑުކޮށްގެން ވިޔަފާރި ފުޅާކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ.
މިގޮތުން ވިއްކުމަށް ހަމަޖެހިފައިވަނީ 3 މީޓަރުގެ 8 ގޮޅި ހިމެނޭ، މުޅި އެކު 72 އަކަމީޓަރުގެ މޫދުކޮށްޓެވެ. މީގެ ތެރޭގައި ކޮށީގެ ފްރޭމާއި، ދާގަނޑުތަކާއި، ވާ އަދި ނަގިލި ހިމެނެއެވެ.
މޫދުކޮށި ވިއްކުމަށް ހަމަޖެހިފައިވާ އަގުތަކަކީ، މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓުން ހިންގާ "ބޭސިކް މެރިކަލްޗަރ ޓްރެއިނިންގ" ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ވިހި ހާސް ރުފިޔާ އަދި އެހެނިހެން ފަރާތްތަކަށް ސާޅީސް ހާސް ރުފިޔާއެވެ.
މި ކޮށިތަކުގެ އަގު ދައްކަން ޖެހެނީ 2 އަހަރު ދުވަހުގެ މުއްދަތަކަށް ބަހާލައިގެންނެވެ. އަދި މި ޕްރޮގްރާމްގެ ދަށުން ބައްލަވައިގަންނަވާ މޫދުކޮށިތައް ކ. މަނިޔަފުށިން ގެންދިއުމުގެ އެންމެހައި އިންތިޒާމުތައް ހަމަޖައްސަވަންވާނީ ކޮށި ގަންނަ ފަރާތުންނެވެ. މޫދުކޮށި ގަންނަން ބޭނުންވާ ފަރާތްތަކުން، އެކަމަށް އެދި ފިޝަރީޒް މިނިސްޓްރީއަށް އީމެއިލް މެދުވެރިކޮށް ހުށަހެޅުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ.


