logo

"ވޮކޭޝަނަލް ޖަރނީ އިން ފްރޭމްސް" ފޮޓޯ މައުރަޒު ހުޅުވައިފި

ދިވެހި ޗެނަލް
ދިވެހި ޗެނަލް
ދުވަހެއް ކުރިން

ދިވެހިރާއްޖޭގައި ޓެކްނިކަލް އަދި ވޮކޭޝަނަލް އެޑިއުކޭޝަން އެންޑް ޓްރެއިނިންގް (ޓީވެޓް) ގެ ޚިދުމަތްދޭތާ 50 އަހަރު ފުރޭ މުނާސަބުގައި، މޯލްޑިވްސް ޕޮލިޓެކްނީކްއިން ކުރިއަށްގެންދާ ފޮޓޯ މައުރަޒު "ވޮކޭޝަނަލް ޖަރނީ އިން ފްރޭމްސް" ހުޅުވައިފިއެވެ. މި މައުރަޒު ރަސްމީކޮށް ހުޅުއްވައިދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފެވެ.

މިކަމަށްޓަކައި ސިފްކޯ ހޯލުގައި މިއަދު ހެނދުނު ކުރިއަށްދިޔަ ރަސްމިއްޔާތުގައި މި ފޮޓޯ މައުރަޒު ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، އިއްޒަތްތެރިން ސޮއިކުރެއްވުމަށް ހަމަޖެހިފައިވާ ފިލާ ބޯޑުގައި ސޮއިކުރައްވާފައެވެ. އަދި މޯލްޑިވްސް ޕޮލިޓެކްނީކްގެ ދަރިވަރުން ތައްޔާރުކުރައްވާފައިވާ އުފެއްދުމެއް، ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ވަނީ އަރުވާފައެވެ. މި އުފެއްދުން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަތްޕުޅަށް އެރުވީ، މޯލްޑިވްސް ޕޮލިޓެކްނިކްގެ ޗީފް އެގްޒެކެޓިވް އޮފިސަރ، އަލްފާޟިލާ ޛޫޝާން ކަމާލުއްދީނެވެ.

އެއަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، "ވޮކޭޝަނަލް ޖަރނީ އިން ފްރޭމްސް" ފޮޓޯ މައުރަޒު ބައްލަވާލައްވާފައެވެ. މި މައުރަޒަކީ، ދިވެހިރާއްޖޭގެ ތަރައްޤީއަށް ޓީވެޓް ދާއިރާއިން ކޮށްފައިވާ އަގުހުރި ޚިދުމަތްތަކާއި، މިދާއިރާއިން ކުރިމަގުގައި ކުރާނެ މަސައްކަތްތައް ދައްކުވައިދޭ ފޮޓޯތަކެއް އެކުލެވޭ މައުރަޒެކެވެ. މި މައުރަޒު ކުރިއަށްދާނީ މިހިނގާ އޮކްޓޫބަރު މަހުގެ 7 އަދި 8 ގައި، ސިފްކޯ ހޯލުގައެވެ.

ތަމްރީނު ލިބިފައިވާ އުފެއްދުންތެރި މަސައްކަތްތެރިންގެ ޚިދުމަތްތައް ޤައުމަށް ބޭނުންވެފައިވާ މިންވަރު އިތުރުވަމުންދާއިރު، މިފަދަ މަސައްކަތްތެރިން އުފައްދަވައި، ބިނާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވައެވެ.

އެކި އަހަރުތަކުގައި އެކި ނަންނަމުގައި ހިންގަމުން ގެންގޮސްފައިވާ، ދިވެހިރާއްޖޭގައި ޓެކްނިކަލް އަދި ވޮކޭޝަނަލް އެޑިއުކޭޝަން އެންޑް ޓްރެއިނިންގް (ޓީވެޓް) ގެ ޚިދުމަތް ރަސްމީ ސިފައެއްގައި ފެށުނީ 1975 ވަނަ އަހަރުގެ އޮކްޓޫބަރުމަހުގައެވެ.

ad