ޣައްޒާގެ އުތުރުގައި ހުންނަ އެންމެބޮޑު ހޮސްޕިޓަލް ކަމަށްވާ އަލް ޝިފާ ހޮސްޕިޓަލް ކައިރީގައި، މުޖާހިދުންނާއި، އިސްތިއުމާރީ ސިފައިންނާ ދެމެދު ވަރުގަދަ ހަމަލާތަކެއް ބަދަލުކުރަމުން އެބަދެއެވެ.
ދެފަރާތުން ބަޑީގެ ހަމަލާތައް ބަދަލުކުރަމުންދާ މަންޒަރާއި އަޑުތައް އިވޭ ވީޑިއޯތައްވެސް ސޯޝަލް މީޑިއާގައި ދައުރުވަމުން ދެއެވެ.
އަލް ޝިފާ ހޮސްޕިޓަލަކީ، އިސްތިއުމާރީ ސިފައިން މީގެކުރިން އެތައް ފަހަރެއްގެމަތިން ބޮންއަޅައި، އެތައް ފަހަރަކު ރެއިޑްކޮށްފައިވާ ހޮސްޕިޓަލެކެވެ.
ބޮން އެޅުމުގެ ސަބަބުންނާއި، ބޮޑުބަޑީގެ ހަމަލާތަކުގެ ސަބަބުން ހޮސްޕިޓަލުގެ އިމާރާތަށް ބޮޑެތި ގެއްލުންތައްވެސް ލިބިފައި ވެއެވެ.
އެހެން ނަމަވެސް، ހުރި ހާލަތުގައިވެސް އެ ހޮސްޕިޓަލުން ގެންދަނީ ބަލިމީހުންނަށާއި، އިސްތިއުމާރީ ސިފައިންގެ ހަމަލާތަކުގައި ޒަޚަމްވާ މީހުންނަށް ފަރުވާ ދެމުންނެވެ.
އަދި ހަނގުރާމައިގެ ސަބަބުން މަގުމަތިވެފައިވާ އެތައް އާއިލާއެއްވެސް، ހޮސްޕިޓަލުގެ ގޯތިތެރެއާއި، ހޮސްޕިޓަލް ކައިރިން ހިމާޔަތް ހޯދައިގެން ދިރިއުޅެމުން ގެންދެއެވެ.
އިސްތިއުމާރީ ސިފައިން ގާޒާ ސިޓީ ހިފުމަށް މިހާރު ދެމުންގެންދާ ވަރުގަދަ ހަމަލާތަކުގައި، އިއްޔެވަނީ އަލް ޝިފާ ހޮސްޕިޓަލް ކަރިއަށްވެސް ޓޭންކްތައް ޖަމާކޮށްފައެވެ.
ޓޭންކްތައް ޖަމާކުރުމުގެ ކުރިން އިސްތިއުމާރީ ސިފައިންވަނީ ޑްރޯން ބޭނުންކޮށްގެން ހޮސްޕިޓަލް ކައިރިއަށް ބޮންއަޅާފައެވެ. އެއާއެކު، ހޮސްޕިޓަލްގައި މަސައްކަތްކުރާ ޑޮކްޓަރުންގެ ޓީމާ މުއާސަލާތީ ހުރިހާ ގުޅުންތަކެއް ކެނޑުނު ކަމަށް ރިޕޯޓްތައް ބުނެއެވެ.
އަދި ހޮސްޕިޓަލް ސަރަހައްދުގައި ތިބި އެތައްހާސް އާންމުން ޅަދަރިންނާއެކު ދުރަށް ދިއުމަށް ޓެރަރިސްޓުން އިންޒާރު ކުރަމުން ގޮސްފައި ވެއެވެ.
ޚަބަރު ލިބޭގޮތުގައި މުޖާހިދުން މިހާރު ގެންދަނީ ޓެރަރިސްޓުންނާ ކުރިމަތިލައި، އެމީހުން ހުއްޓުވަން މަސައްކަތް ކުރަމުންނެވެ.
އަލް ޝިފާ ހޮސްޕިޓަލުގެ ޑިރެކްޓަރ މުހައްމަދު އަބޫ ސަލްމިއާ އިހަށްދުވަހު ވިދާޅުވެފައިވަނީ، ކޮންމެ ފަދަ ގޮތެއްވިޔަސް ޚިދުމަތްދިނުން މެދުކަނޑާ ނުލާނޭ ކަމަށެވެ.
ހޮސްޕިޓަލުން ދެމުންއަންނަ ފަރުވާ ހުއްޓިއްޖެނަމަ އެތައްހާސް ބަޔަކު މަރުވާނޭ ކަމަށްވެސް އޭނާ އިންޒާރު ކުރައްވާފައި ވެއެވެ.