-
-
logo

ދެ ދުވަސްތެރޭ 25،000 މީހުން ރީ-ރަޖިސްޓްރީ ކުރުމުން ސުވާލު އުފެދޭ: ޑރ މުއިއްޒު

އައިޝަތު އިނާޝާ
2 އަހަރު ކުރިން
ދެ ދުވަސްތެރޭ 25،000 މީހުން ރީ-ރަޖިސްޓްރީ ކުރުމުން ސުވާލު އުފެދޭ: ޑރ މުއިއްޒު

Muizzu.JPG

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި 25،000 އަށްވުރެ ގިނަ މީހުން ދެ ދުވަސް ތެރޭގައި ރީ ރަޖިސްޓަރ ވުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށް އިދކޮޅު ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަބުރުގައި ރީރަޖިސްޓަރީ ކުރުމަށް މިހާތަނަށް 25493 ފޯމު ހުށަހަޅާފައިވާ ކަމަށް އެ ކޮމިޝަންގެ ނާއިބް ރައީސް އިސްމާއިލް ހަބީބް ވަނީ ހާމަ ކުރަށްވާފައެވެ.

މިކަމާ ގުޅިގެން ޑރ. މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް އެންމެ 2 ދުވަހުގެ ތެރޭގައި 25،000 މީހުން ރީ-ރަޖިސްޓްރީ ކުރުމަކީ ވަރަށް ބޮޑަށް ސުވާލު އުފެދޭ ކަމެއް ކަމަށެވެ. އެހެން ކަމުން އެކަން ސިޔާސީ ޕާޓީތަކާއި، ބައިނަލްއަޤްވާމީ މޮނިޓަރުންނާއި، އޮބްޒާވަރުންނާއި، ކަމާގުޅުންހުރި އެހެނިހެން އިދާރާތަކުން ވަރަށް ސީރިއަސްކޮށް ބަލަންޖެހޭ ކަމަށް ޑރ. މުއިއްޒުގެ ޓުވީޓުގައި ވަނީ ވިދާޅުވެފައެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވަނީ ދެ ލައްކަ އަށްޑިހަ ދެ ހާސް ތިން ސަތޭކަ ނުވަދިހަ ފަސް މީހުނަށެވެ. އެހެން ނަމަވެސް އޭގެ ތެރެއިން އެކާވީސް އިންސައްތަ މީހުން ވޯޓެއް ނުލައެވެ. އަލަށް ވޯޓުލެވޭ އާބާދީގެ ގޮތުގައި ވިހި ހާހަށްވުރެ ގިނަ މީހުންނަށް ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުލުމުގެ ޙައްޤު ލިބުނެވެ.

އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރަށްވަނީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލެ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒުގެ އިތުރުން، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަ ކުރައްވާ ދެ ބޭފުޅުން ކުރެ އެއްވެސް ބޭފުޅެއްގެ ކެންޑިޑޭޓް ނަންބަރު ބަދަލުނުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ. ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރެއް ބޭއްވުމަށް ހަމަޖެހިފައި އޮތީ މި ހިނގާ ސެޕްޓެންބަރު މަހުގެ ތިރީސްވަނަ ދުވަހުގައެވެ.


ad