ޑޮލަރު އާމްދަނީގެ ގޮތުގައި މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަސް ތެރޭގައި 867.9 މިލިއަން ޑޮލަރު ދައުލަތަށް ލިބިއްޖެ އެވެ.
މީރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަަކަށް ބަލާއިރު، ޖޫން މަހު ޑޮލަރުން ބަލައިގަނެފައިވާ އާމްދަނީގެ އަދަދަކީ 118.6 މިލިޔަން އެމެރިކާ ޑޮލަރެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މީރާއިން ޑޮލަރުން ބަލައިގަނެފައިވާ އާމްދަނީގެ އަދަދަކީ 117.7 މިލިއަން ޑޮލަރެވެ. އެހެންކަމުން މިއީ %0.85 އިތުރު އަދަދެކެވެ.
ޖޫން މަހު ޑޮލަރުން ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓީ-ޖީއެސްޓީއާއި، ފަތުރުވެރިކަމުގެ ބިމު ކުއްޔާއި، އިންކަމް ޓެކްސްގެ އިތުރުން ގްރީން ޓެކްސް އަދި އެއާޕޯޓު ފީތަކެވެ. މީގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓީ-ޖީއެސްޓީގެ ގޮތުގައެވެ.
ޑޮލަރުން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޓޫރިޒަމް ދާއިރާގެ ޖީއެސްޓީއާއި ޓީޖީއެސްޓީ އިންނެވެ. އެ ގޮތުން ޓީޖީއެސްޓީ އިން 41 މިލިއަން ޑޮލަރު ލިބުނެވެ.
އިންކަމް ޓެކްސްގެ ގޮތުގައި 19 މިލިއަން ޑޮލަރު ލިބުނުއިރު ފަތުރުވެރިކަމުގެ ބިމު ކުލީގެ ގޮތުގައި 72 މިލިއަން ޑޮލަރު ލިބުނެވެ.
މީގެ އިތުރުން ޑިޕާޗާ ޓެކުހުގެ ގޮތުގައި 9 މިލިއަން ޑޮލަރު، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 9 މިލިއަން ޑޮލަރު އަދި ގްރީން ޓެކްސްގެ ގޮތުގައި 10 މިލިއަން ޑޮލަރު ލިބިފައިވެ އެވެ.
މިއާއެކު، މިއަހަރުގެ މިހާތަނަށް މީރާއިން ޑޮލަރުން ބަލައިގަނެފައިވާ ޖުމްލަ އާމްދަނީއަށް ބަލާއިރު، މި އަދަދު ވަނީ 867.9 މިލިއަން ޑޮލަރަށް އަރާފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 76.5 މިލިއަން ޑޮލަރާ އަޅާބަލާއިރު %9.67 އިތުރު އަދަދެކެވެ.
މީރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު މީރާއަށް ޑޮލަރުން ލިބުނު އާމްދަނީ ވަނީ 1.4 ބިލިޔަން ޑޮލަރަށް އަރާފައެވެ. މިއީ 2024ވަނަ އަހަރު ލިބުނު 1 ބިލިޔަން ޑޮލަރާ އަޅާ ބަލާއިރު %37 އިތުރު އަދަދެކެވެ.

