މެރިކަލްޗާ ވަކި ސިނާއަތެއްގެ ގޮތުގައި ރާއްޖޭގައި ތަރައްގީ ކުރެވޭނީ އެ ދާއިރާއިން މީހުން ބިނާކޮށްގެން ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމެންޓް ޕްރޮގްރާމުގެ ދަށުން ހިންގި، މި އަހަރުގެ ހިންގި ހަތަރު ވަނަ ބުރުގެ ބައިވެރިންނަށް ސެޓްފިކެޓް ދޭން ބޭއްވި ރަސްމިއްޔާތުގައި އޭނަ ވިދާޅުވީ، މެރިކަލްޗަ ސިނާއަތަކީ ރާއްޖޭގައި ކުރިމަގު އޮތް ކަމަކަށް ހެދިދާނެ ކަމަށާއި އެންމެ ބޭނުންވާ އެންމެ މުހިންމު ކަމަކީ އެ ދާއިރާއަށް ބޭނުންވާ އިންސާނީ ވަސީލަތް ތަރައްގީކުރުން ކަމަށެވެ.
ޝިޔާމު ވިދާޅުވީ އަމަލީ މައިދާނުގައި ހަރަކާތްތެރިވާނެ ފަރާތްތައް ތަމްރީނުކުރުމަށް މި ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުން އަންނަ ކަމަށާއި ބޭސިކް މެރިކަލްޗަ ޓްރެއިނިން ކޯހަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ‘ހަފްތާ 14’ މަގުޗާޓުގައި ހިމަނައިގެން ކުރިއަށް ގެންދާ ތަމްރީނު ޕްރޮގްރާމެއް ކަމަށެވެ.
މީގެ މައިގަނޑު މަގުސަދަކީ ދެމެހެއްޓެނިވި ގޮތެއްގައި މެރިން އެކުއަކަލްޗާގެ ސިނާއަތެއް ރާއްޖޭގައި ޤާއިމުކުރުމަށް މަގުފަހިކޮށް، ފަރުމަސް އާލާކުރާނެ ހެޗަރީތައް ހަދާނެ ގޮތާއި އެކުއަކަލްޗަރގެ ހުނަރުތައް ޒުވާނުންނަށް ދަސްކޮށް ދިނުމެވެ.
ކ. މަނިޔަފުށީ ރިސާޗް އެންޑް ޓްރެއިނިން ފެސިލިޓީގައި މިދިޔަ މަހުގެ 31 އިން އިއްޔެގެ ނިޔަލަށް ހިންގި ކޯހުގައި ރާއްޖޭގެ ނުވަ އަތޮޅަކުން 11 ބައިވެރިޔަކު ސެޓްފިކެޓް ހާސިލުކޮށްފައިވެ އެވެ.
ފިޝަރީޒް މިނިސްޓްރީގެ އަމާޒަކީ ކޮންމެ އަހަރަކު ޕްރޮގްރާމުގެ ދަށުން ކޯހުގެ ހަތަރު ބުރު ހިންގުމެވެ.
މެރިކަލްޗާ ކޯހުގެ ތެރެއިން އެކުއަކަލްޗަ ނިޒާމުތަކާއި، ދިރޭ ކާނާ އާލާކުރުމާއި، މަހުގެ ބަޔޮލޮޖީގެ އިތުރުން ފާނަ، ހުއިފިލަނޑާ، ދިވެހި މާގަނޑުމަސް، އިތާމުތް އަދި މޫދުވިނަ އާލާކުރުމުގެ މައުލޫމާތާއި އަމަލީ ތަޖުރިބާ ފޯރުކޮށް ދެ އެވެ. މީގެ އިތުރުން އާލާކުރާ ދިރުންތަކަށް ޖެހޭ ބަލިތައް ދެނެގަތުމާއި، ތިމާވެށްޓަށް ގެއްލުން ކުޑަވާނެހެން މަސައްކަތް ކުރާނެ ގޮތްތަކާއި، އުފެއްދުންތައް މާކެޓް ކުރުމުގެ ފުރުސަތުތަކާ ގުޅޭ މައުލޫމާތު ވެސް ދެ އެވެ.
މިފަދަ ޕްރޮގްރާމުތަކުގެ ސަބަބުން ރާއްޖޭގެ މެރިކަލްޗަ ދާއިރާ އިތުރަށް ތަރައްގީވެ، ރަށްރަށާ ކައިރިން އާމްދަނީއާއި ވަޒީފާގެ އިތުރު ފުރުސަތުތައް ފަހިވެގެންދާނެ ކަމަށާއި، ރާއްޖޭގެ އިގްތިޞާދީ މަސައްކަތްތައް ސިންދަފާތު ކުރުމަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމަށް މިނިސްޓަރު ޝިޔާމު ވިދާޅުވި އެވެ.

