logo

މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރު ހަރަކާތްތައް މިރޭ ޖުމްހޫރީ މައިދާނުގައި

އާމިނަތު މޫސާ
6 ގަޑިއިރު ކުރިން

ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ހެވިކަމުގެ ކުޅިވަރުތައް މިރޭ ޖުމްހޫރީ މައިދާނުގައި ކުރިއަށް ގެންދާން ނިންމައިފިއެވެ.

މި ހަރަކާތްތަކުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

އެމްއެންޑީއެފްއިން ބުނީ، މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ މައިދާނީ ކުޅިވަރު ހަރަކާތްތަކާއެކު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އަސްކަރީ ހިނގާލުން މިރޭ 20:30ގައި މާލޭގައި އޮންނާނެ ކަމަށެވެ. ޖުމުހޫރީ މައިދާނުން ފެށުމަށް ހަމަޖެހިފައިވާ އަސްކަރީ ހިނގާލުމުގައި، އެމްއެންޑީއެފް ބޭންޑާއެކު ޖުމްލަ ހަ ގެމަ ބައިވެރިވާނެއެވެ. މި އަސްކަރީ ހިނގާލުމުގައި އެމްއެންޑީއެފުގެ ކޯރތަކާއި ތަފާތު ދާއިރާތަކުގެ ޚިދުމަތްތައް ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ.

މި އަސްކަރީ ހިނގާލުމުގެ ލަޝްކަރު، މާލޭގެ ހަތަރު ސަރަހައްދެއްގައި މަޑުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ، މަޖީދީމަގާއި ބޮޑުތަކުރުފާނުމަގު ޖަންކުޝަން ކައިރިން އާޓިފިޝަލް ބީޗާއި، އަމީނީމަގު ކުޑަކުދިންގެ ބަގީޗާ ކުރިމަތީގެ އިތުރުން އަމީނީމަގު ގަލޮޅު ޕޮލިސް ކުރިމަތި އަދި ކަޅުތުއްކަލާކޮށީގެ ހުޅަނގު އުތުރު ކަންމައްޗެވެ. ލަޝްކަރު ހުއްޓޭ މި ސަރަހައްދުތަކުގައި ސިފައިންގެ ބޭންޑުން ތަފާތު ރާގުތައް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

އެ ހަރަކާތުގެ ތެރެއިން ސިފައިންނާއި ކެޑޭޓުންގެ ރޫޓު މާޗާއި، އިސްކަންދަރު ސްކޫލާއި ރެހެންދި ސްކޫލު އަދި ޝަހީދު އަލީ ސްކޫލުން ދަރިވަރުން އެކުވެގެން ހާއްސަ އައިޓަމެއް ހުށަހަޅައިދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެ އައިޓަމުގައި، ތިން ސްކޫލަކުން 344 ކުދިން ބައިވެރިވާނެ ކަމަށް ތަރިކަ ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ އިން ބުނެއެވެ. އޭގެ އިތުރުން ސިފައިންގެ ހެވިކަމުގެ ކުޅިވަރުތަކާއި ސަގާފީ ހުށަހެޅުމެއް ހިމެނެއެވެ. މި ހަރަކާތް ނިންމާލުމަށް ހަމަޖެހިފައިވަނީ ހަވާއެރުވުމުގެ ހަރަކާތަކާއެކުގައެވެ.

ad