logo

ޝިއާއުގެ މަރު: ޝާހިލްގެ ޝަރީއަތުގެ އަޑުއެހުންތައް 4 އަހަރަށް ފަހު ނިންމާލައިފި

ދިވެހި ޗެނަލް
ދިވެހި ޗެނަލް
8 ގަޑިއިރު ކުރިން

ހ. ޝީރީންވިލާގައި 2022 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ހަ ވަނަ ދުވަހުގެ ރޭ، ފުވައްމުލަކު ސިޓީ، ކުރި، ޝިއާއު މުޙައްމަދު ސަޢީދު އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު މައްސަލައިގައި ފ. ނިލަންދޫ ފިނިފެންމާގޭ އަލީ ޝާހިލްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑު އެހުންތައް، ކްރިމިނަލް ކޯޓުން ނިންމާލައިފިއެވެ.

ޝިއާއު މަރާލި މައްސަލައިގައި ޝާހިލްގެ މައްޗަށް ފަސް ދައުވާއެއް އުފުލާފައި ވެއެވެ. މި މައްސަލަތަކުގެ އަޑު އެހުންތައް ކުރިއަށް ގެންދިޔައީ އާއްމުކޮށް ހުޅުވާނުލައެވެ. ޝާހިލްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރެއިން ބައެއް ދައުވާތަކުގެ ބާވަތްވެސް އޮތީ ސިއްރުކޮށްފައެވެ.

ޝާހިލްގެ މައްސަލައިގެ އަޑު އެހުންތައް ނިމުނީ މިދިޔަ ހަފްތާގައެވެ. އެންމެ ފަހުން އޮތީ ހުލާސާ ބަޔާން އިއްވުމެވެ. ދެން އޮންނާނީ މި މައްސަލައިގައި ކުށް ސާބިތުވޭތޯ ނުވަތަ ނޫންތޯ ކަނޑައެޅުމެވެ. އެއަށް ފަހު، ކުށް ސާބިތުވާނަމަ އަދަބު ކަނޑައަޅާނެއެވެ.

ޝާހިލް ހުރީ ޝަރިއަތް ނިމެންދެން ބަންދުކޮށްފައެވެ. ޝިއާއު މަރާލައި ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ދީފައި އޮއްވައި ފެނުނު މައްސަލައިގައި ޝާހިލް ހައްޔަރުކުރީ ކުށުގެ ވެށިންނެވެ. އެ މައްސަލައިގައި ފުލުހުން އޭރު ބުނިގޮތުގައި، ޝިއާއު މަރާލުމަށް ފަހުގައި ވެސް އޭނާގެ ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ދީފައިވާކަން އޭނާގެ ޕޯސްޓްމޯޓަމް ރިޕޯޓުން ހާމަވެއެވެ. އަދި ޝިއާއު މަރަށް ހުށަހެޅިގެން ދިޔައީ، އެ އަނިޔާތަކުގެ ސަބަބުންކަން ރިޕޯޓުން އެނގޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ޝާހިލްގެ ފަރާތުން ތަހުގީގަށް މާބޮޑު އެއްބާރުލުމެއް ނުލިބޭ ކަމަށް ކުރިން ފުލުހުން ބުންޏެވެ. ޝަރިއަތުގައިވެސް އޭނާގެ ފަރާތުން އެއްބާރު ލުމެއް ނުލިބޭ ކަމަށް ކުރިން މައުލޫމާތު ލިބުނެވެ. އަދި ވަކީލުންނާވެސް ވާހަކަ ނުދައްކާތީ ފަހުން މައްސަލަ ކުރިއަށް ގެންދިޔައީ ވަކީލަކާވެސް ނުލައެވެ.

ad