logo

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި މީހަކު ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސް ނެރެފި

އާމިނަތު މޫސާ
8 ގަޑިއިރު ކުރިން

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް ހޯދަން ބޭނުންވާ މީހަކު ހޯދައި ހައްޔަރުކުރުމަށްޓަކައި، ދިވެހި ފުލުހުންގެ ހިދުމަތުން އިންޓަޕޯލް މެދުވެރިކޮށް ރެޑް ނޯޓިސް ނެރެފިއެވެ.

މި މައްސަލައާ ގުޅިގެން އިންޓަޕޯލުން ރެޑް ނޯޓިސް ނެރެފައިވަނީ ފ. ނިލަންދޫ / ރާހި، އިޒްޔާން ޢަބްދުލްޙަމީދު (38އ) ހޯދުމަށެވެ. އޭނާއަކީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ސީރިއަސް ތުހުމަތުތަކެއް ކުރެވިފައިވާ މީހެކެވެ.

ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި، މި މައްސަލަ ފުލުހުންނަށް ރިޕޯޓުކުރުމާ ގުޅިގެން އިޒްޔާން ވަނީ ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައެވެ. އަދި އޭނާ މިހާރު އުޅޭ ވަކި ގައުމެއް ނުވަތަ ތަނެއް މިހާތަނަށް ހޯދިފައި ނުވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

އިންޓަޕޯލް ރެޑް ނޯޓިސް ނެރެނީ، ބައިނަލްއަގުވާމީ ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ އެހީތެރިކަމާއެކު، ކުށުގެ ތުހުމަތުކުރެވޭ ފަރާތްތައް ހޯދައި ގާނޫނީ އިޖުރާއަތްތަކުގެ ތެރެއިން އެމީހުން ހައްޔަރުކުރުމަށް މަގުފަހިކުރުމަށެވެ. މި ނޯޓިސްތަކަކީ ތަހުގީގަށް ހާޒިރުކުރުމަށް ނުވަތަ ގާނޫނީ ފިޔަވަޅު އެޅުމަށްޓަކައި ހޯދާ ފަރާތްތަކުގެ މައުލޫމާތު އާންމުކުރުމަށް ނެރޭ ނޯޓިސްތަކެއް ކަމަށް ފުލުހުން ބުނެއެވެ.

ad