logo

އަގުމަގު ޕޯޓަލްގައި 2،224 ވިޔަފާރި ރަޖިސްޓަރީކޮށްފި

އާމިނަތު މޫސާ
9 ގަޑިއިރު ކުރިން

ތަކެތީގެ އަގުތައް ބަލަން ފަސޭހައަކަށް ސަރުކާރުން ގާއިމްކުރި "އަގުމަގު ޕޯޓަލް" ގައި މިހާތަނަށް 2،000 އަށް ވުރެ ގިނަ ވިޔަފާރި ރަޖިސްޓަރީ ކޮށްފިއެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، އަގުމަގު އެފް މިހާތަނަށް ޖުމްލަ 2،224 ވިޔަފާރިއަކުން ވަނީ އެ ޕޯޓަލްގައި ރަޖިސްޓްރީވެފައި ކަމަށެވެ. އަދި ދުވާލެއްގެ މައްޗަށް އެ ހިދުމަތް ބޭނުންކުރާ އާންމުންގެ އަދަދު 2،724 އަށް އަރާފައިވާއިރު، އަގުމަގު އެޕްލިކޭޝަން ޑައުންލޯޑްކުރި މީހުންގެ އަދަދު މިހާރު ވަނީ 3،300 ފަހަނައަޅައި ގޮސްފައިކަމަށް ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެ ޕޯޓަލްއަކީ އިތުބާރު ހިފޭ އަދި އާންމު ދިރިއުޅުމަށް ނުހަނު ބޭނުންތެރި ވަސީލަތެއްގެ ގޮތުގައި ބަލައިގަނެ، ބޭނުންކުރާ މިންވަރު ވަރަށް ބޮޑަށް އިތުރުވަމުން އަންނަކަމަށް ވަޒީރު ވިދާޅުވިއެވެ.

އަގުމަގު ޕޯޓަލްގެ މަގުސަދަކީ ކާބޯތަކެއްޗާއި އަސާސީ މުދަލުގެ އަގުތައް ރައްޔިތުންނަށް ދެފުށް ފެންނަ އަދި ލުއިފަސޭހަ ގޮތެއްގައި ބަލައިލެވޭނެ މަގު ފަހިކޮށްދިނުމެވެ. އެ ޕޯޓަލްގެ މަސައްކަތް އެންމެ ފުރަތަމަ ފެށީ ހަމައެކަނި މާލޭ ސަރަހައްދުގެ ފިހާރަތަކުގެ މައުލޫމާތު ހިމަނައިގެންކަމަށް ވިޔަސް، މޮބައިލް އެޕްލިކޭޝަން ތައާރަފުކުރުމާއެކު މިހާރު އެ ހިދުމަތް ވަނީ މުޅިރާއްޖެއަށް ފުޅާވެފައެެވެ.

އެ ވުޒާރާއިން ބުނީ، މި އެޕް މެދުވެރިކޮށް އެކި ފިހާރަކުގައި މުދާ ވިއްކަން ހުރި އަގުތައް ވަރަށް ފަސޭހައިން ބަލާލާއި އަޅާ ކިޔާލެވޭނެކަމަށެވެ. އަދި އެންމެ އަގު ހެޔޮކޮށް ތަކެތި ލިބެން ހުރި ތަން ވަގުތުން ބަލާލެވޭނެކަމަށެވެ.

ޕޯޓަލްގައިވާ އަސާސީ ކާބޯތަކެއްޗަކީ ބައިނަލްއަޤްވާމީ އަދި ރާއްޖޭގެ ކަމާބެހޭ އިދާރާތަކުން އަސާސީ ކާބޯތަކެތިކަމަށް ކަނޑައަޅާފައިވާ މިންގަނޑުތަކަށް ރިއާޔަތްކޮށް ތައްޔާރުކޮށްފައިވާ ލިސްޓެއްކަމަށް އެ ވުޒާރާއިން ބުނެއެވެ.

ބާޒާރުގައި ތަކެތީގެ އަގުތައް ފެންނަން ހުންނާނެ އަގުމަގު އެޕް ތައާރަފްކޮށްފައިވާއިރު މި އެޕް މެދުވެރިކޮށް ކޮންމެ ދުވަހަކު ބޭނުންކުރާ ތަކެތީގެ އަގުތައް އެއް ތަނަކުން ފެންނާނެއެވެ.

ad