logo

ހިމަބިހީގެ ކޭސްތައް ރާއްޖޭން ފެނުނަސް، އަދިވެސް އޮތީ އެ ބަލި ނައްތާލާފައިވާ ގައުމެއްގެ ގޮތުގައި: އެޗްޕީއޭ

މަޒީ
3 ގަޑިއިރު ކުރިން

ހިމަބިހީގެ ކޭސްތައް ރާއްޖޭން ފެންނަމުން ދިޔަ ނަމެވެސް، އަދި ވެސް އޮތީ އެ ބަލި ނައްތާލާފައިވާ ގައުމެއްގެ ގޮތުގައި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ)އިން ބުނެފިއެވެ.

ދިވެހިރާއްޖޭގެ މީސް މީޑިއާ އެއްކަމަށްވާ 'ސަން' އިން ހުށަހެޅި އާރްޓީއައި(RTI)އަކަށް މިދިޔަ ބުދަ ދުވަހު އެޗްޕީއޭއިން ދިން ޖަވާބުގައި ބުނެފައިވަނީ ހިމަބިހި ނައްތާލާފައިވާ ގައުމެއްގެ ސްޓޭޓަސް ރާއްޖެއަށް މިހާރު ވެސް ގެއްލިފައިނުވާ ކަމަށެވެ.

އެ ސްޓޭޓަސް ގެއްލޭނީ، ވަކި ކްރައިޓީރިއާތަކެއްގެ ދަށުން މޮނިޓާކޮށް، 12 މަސް ވާއިރު ވެސް ހިމަބިހި ފެތުރުން މެދުކެނޑިފައިނުވާ ނަމަ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

އެޗްޕީއޭއިން މިހެނަ ބުނެފައިވާއިރުގައި ހިމަބިއްސަށް މީހަކު ޕޮޒިޓިވް ނުވާތާ ހަފުތާއެއް ފަހުން، މިދިޔަ މަހުގެ ފަހު ދެވަނަ ހަފުތާގައި ހިމަބިއްސަށް ތިން މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އެ މުއްދަތާ ހަމައަށް މި އަހަރު ހިމަބިހި ޖެހުނު މީހުންގެ ޖުމުލަ އަދަދު 290އަށް ވަނީ އަރާފައެވެ.

މީގެއިތުރުން، ގައިންގަޔަށް ފަސޭހައިން އަރާ ބައްޔެއް ކަމަށްވާ ހިމަބިހީގެ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާކަން ޔަގީންނުވާ މީހުންނަށް ކަނޑައެޅިފައިވާ ވެކްސިން ދޭ މަރުކަޒުތަކަށް ޒިޔާރަތްކޮށްގެން ވެކްސިން ފުރިހަމަ ކޮށްދޭނެ އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ. އެގޮތުން، މި އަހަރު ފެށުނު ފަހުން، މިދިޔަ މަހުގެ ދެވަނަ ހަފުތާގެ ނިޔަަލަށް ވަނީ 17،256 ހިމަބިހި ވެކްސިން ޖަހައިދީފައެވެ.

މިދިޔަ ސެޕްޓެމްބަރު 27ގައި، ހެލްތު މިނިސްޓަރު ގީލާ އަލީ ވިދާޅުވީ، ރާއްޖެ އޮންނާނީ، ޑަބްލިޔުއެޗްއޯއިން މީގެ ކުރިން ކަނޑައަޅައިފައިވާ ގޮތަށް ބަލި ކޮންޓްރޯލް ވެފައިވާ ގައުމެއްގެ ގޮތުގައި ކަމަށެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން، ހިމަބިހި ނައްތާލާފައިވާ ގައުމެއްގެ ގޮތުގައި ރާއްޖެ ކަނޑައެޅީ، ޖޫން 30، 2017ގައެވެ.

ad