ސެޕްޓެމްބަރު 19 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ މޯލްޑިވިއަން ޑިމްކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކޮންގްރެސްގެ ތެރެއިން އެޕާޓީގެ އަސާސީ ގަވާއިދަށާއި ޕާޓީގެ ސިޔާސަތުތަކަށް އިސްލާހުތައް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ކޮންގްރެސްގެ ސުންގަޑިތަކާއި، ކޮންގްރެސް ކުރިއަށްދާނެ ގޮތުގެ ތާވަލެއް އެ ޕާޓީން އިއްޔެ އާއްމުކޮށްފައިވާ އިރު އެ ތާވަލުގައިވާ ގޮތުން ސިޔާސަތުތައް ހުށަހެޅުމުގެ ފުރުސަތު 19 އޮގަސްޓުގެ 12:30ގެ ނިޔަލަށް އޮންނާނެއެވެ.
އެ އެމުއްދަތުގައި އަސާސީ ޤަވާއިދަށް އިސްލާހު ގެނައުމަށް ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައިވެއެވެ. ސިޔާސަތުތަކާއި، އަސާސީ ޤަވާއިދުގެ އިސްލާޙުތައް އޮންލައިންކޮށް ހުށަހެޅޭނެ އިންތިޒާމްތައް އެޕާޓީން ވަނީ ހަމަޖައްސާފައިވެއެވެ.
އެ ޕާޓީން ބުނީ، ހުށަހަޅާ ސިޔާސަތުތަކާއި، އަސާސީ ގަވާއިދަށް ހުށަހަޅާ އިސްލާހުތައް މިމަހުގެ 31 ވަނަ ދުވަހު އާއްމުކުރާނެ ކަމަށެވެ. އާޢްމުކުރާ ސިޔާސަތުތަކާއި އިސްލާހުތަކާއި މެދު ގޮތް ނިންމާނީ ކޮންގްރެސްގެ ތެރެއިންނެވެ. މީގެއިތުރުން ކޮންގްރެސްގައި ބައިވެރިވެވޭނެ ގޮފި ރަޖިސްޓަރކުރުމަށް މިމަހުގެ 12:30ގެ ނިޔަލަށް ފުރުސަތު ހުޅުވާލާފައިވެއެވެ. އެ މުއްދަތުގެ ތެރޭގައި ޕާޓީގެ ގޮފިތައް އުސޫލާއި އެއްގޮތަށް ނިންމަންވާނެކަމަށް އެ ޕާޓީން ބުނެއެވެ.
މީގެ އިތުރުން، ކޮންގްރެސްގެ ތާވަލުގައިވާ ގޮތުން 1 ސެޕްޓެމްބަރުގެ 13:30 ގެ ކުރިން ކޮންގްރެސްގައި ވޯޓުލެވޭނެ މީހުން އެނގޭނެހެން، ޑެލިގޭޓުންގެ ލިސްޓު އާއްމުކުރާނެ ކަމަށާއި، 5 ސެޕްޓެމްބަރުގައި ކޮންގްރެސްގެ ބައިވެރިން ރަޖިސްޓަރވުމުގެ ފުރުސަތު އޮންލައިންކޮށް ހުޅުވާލާނެ ކަމަށް އެ ޕާޓީން ބުނެފައިވާ އިރު، ބައިވެރިން ރަޖިސްޓާ ވުމަށް ދޭ މުއްދަތު ހަމަވާނީ 20 ސެޕްޓެމްބަރުގެ 12:30އަށެވެ.
އެމްޑީޕީގެ ކޮންގްރެސް އަންނަ ސެޕްޓެމްބަރު މަހު ބާއްވަން ނިންމާ އެކަން އިއުލާންކުރީ މިމަހުގެ 2 ވަނަ ދުވަހު ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ 36 ވަނަ ބައްދަލުވުމުގައެވެ.
އެމްޑީޕީގެ ކޮންގްރެސް ބޭއްވޭނީ ކޮންމެ 5 އަހަރަކުން އެއް އަހަރު ކަމަށް އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާ ނަމަވެސް، ވަކި ޝަރުތުތަކެއްގެ މަތިން ކޮންގްރެސްގެ އާދަޔާ ހިލާފު ބައްދަލުވުމެއް ކޮންމެ އަހަރަކުވެސް ބޭއްވިދާނެއެވެ. އެފަދަ ކޮންގްރެސްއެއް ބޭއްވޭނީ ގައުމީ މަޖިލީހުން ފާސްކުރުމުންނެވެ.

