ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސްކަމަށް މއ.އެރަލްސީ، އަޙްމަދު މަމްދޫހް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޢައްޔަން ކުރައްވައިފިއެވެ.
އަޙްމަދު މަމްދޫހް، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނައިބު ރައީސްކަމުގެ މަޤާމުގެ ހުވައިކުރެއްވީ މިއަދު ހެނދުނު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެކަމަށްޓަކައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމުގެ ހުވައިލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދުއެވެ.
އަޙްމަދު މަމްދޫހް ވަނީ ސްރީލަންކާގެ ޔުނިވަރސިޓީ އޮފް ކެލަނިޔާއިން ބެޗްލަރސް ޑިގްރީ އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލްކުރައްވާފައެވެ. އަޙްމަދު މަމްދޫހް މީގެ ކުރިން ވަނީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ނައިބުކަމާއި މޯލްޑިވްސް ރޯޑް ޑިވެލޮޕަމަންޓް ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމާއި އެކްޓިންގ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމު އަދާކުރައްވާފައެވެ.
އަޙްމަދު މަމްދޫހް އެންމެ ފަހުން ހުންނެވީ މާލޭ ސިޓީ ކައުންސިލްގެ ފަރާތުން ކުރިއަށްގެންދާ ބައެއް މަޝްރޫޢުތަކުގެ ކޮންސަލްޓަންޓެއްގެ ގޮތުގައެވެ.

