މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާން ބޭނުންވާ ޒުވާނުންނަށް ފުރސަތު ހުޅުވައިފިއެވެ.
ފިޝަރީޒް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނީ އެ މިނިސްޓްރީގެ ފަރާތުން މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އަދި އެ ސިނާއަތުގައި ހަރަކާތްތެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް އަމާޒުކުރެވިގެން ތަމްރީން ޕޮރޮގަރާމްތައް ރަށުކައުންސިލްތަކާއި ގުޅިގެން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ ކަމަށެވެ.
މަސްވެރިކަމާއި ގުޅޭ ތަމްރީން ޕޮރޮގްރާމްތަކުގެ މަޤްސަދަކީ މަސްވެރިކަމުގެ ދާއިރާއަށް ޒުވާނުން އަހުލުވެރިކުރުވުމާއި އަދި މަހާއި މަހުގެ އަގުއެއްކުރި އުފެއްދުން އިތުރުކުރުމާއި އިތުރު މާކެޓްތަކަށް ހޯދުމާއި އަދި އާމަސްވެރިކަން ތައާރަފްކޮށް އެކަން މަސްވެރިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ދަސްކޮށްދިނުން ކަމަށެވެ. އަދި މަސްވެރި ސިނާއަތުގައި ކަނބަލުންގެ ހިއްސާ އިތުރުކޮށް ރަށުފެންވަރުގައި މަސްވެރި އުފެއްދުންތައް މިހާރަށްވުރެ ފެންވަރުރަނގަޅުކޮށް ތައްޔާރުކުރުމާއި އާބާތްތައް ތައްޔާރުކުރުމަށް ތަމްރީނުދީ އަހުލުވެރިކުރުވުމެވެ.
މިމިނިސްޓްރީގެ ފަރާތުން ކުރިއަށްގެންދިއުމަށް ހަމަޖަހެފައިވާ ކުރު ތަމްރީން
1. ޑައިމަންޑް ބެކް ސްކުއިޑް (ތުތި ބޯވަދިލަމަސް)ގެ މަސްވެރިކަމުގެ ތަމްރީން
2. އަގުއެއްކުރި މަހުގެ އުފެއްދުން ތައްޔާރުކުރުމާއި ކުދި ވިޔަފާރީ ހިންގާ ބެލެހެއްޓުމުގެ ތަމްރީން
މިތަމްރީންތައް ހިންގުމަށް ޝައުގުވެރިވާ ރަށު ކައުންސިލްތަކުން 15 ޖުލައި 2026 ވާ ބުދަ ދުވަހުގެ އޮފިސް ބަންގުވުމުގެ ކުރިން އެރަށެއްގައި ކުރިއަށް ގެންދިނުމަށް ޝައުގުވެރިވާ ތަމްރީނުގެ ފާހަގަކުރައްވާ ހުށަހެޅުމަށްވެސް ވަނީ އެދިފައެވެ.
މަސްވެރިކަމުގައި ޒުވާނުން ނުކުތުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަމާޒެކެވެ. އެގޮތުން މަސްވެރިކަމުގެ ސިނާއަތް އިތުރަށް ހަރުދާ ކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތް ކުރަމުންނެވެ.

.jpg&w=256&q=75)
