ރާއްޖޭގެ ފަތުރުވެރިކަމަށް ދޫކޮށްފައިވާ ރަށްރަށާއި، ފަޅުތަކުގެ ތެރެއިން 161 ތަނެއްގެ މަސައްކަތް ކުރިޔަށް ނުގެންގޮސް ގިނަ ދުވަސްވެފައިވާތީ، އެ އެއްބަސްވުންތައް ބާޠިލުކުރުމުގެ އުސޫލެއް ގެޒެޓްކޮށް، އަންނަ ހަފްތާތެރޭ އަމަލީ ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
އަމީން މިހެން ވިދާޅުވީ، ރޭ ބޭއްވި "އަހާ" ފޯރަމްގެ ނުވަވަނަ ބައްދަލުވުމުގައި އާންމު ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. ރާއްޖޭގައި ޑިސްޓްރެސް ހާލަތުގައި ނުވަތަ މަސައްކަތް ހުއްޓިފައިވާ 161 ރަށާއި ފަޅު އެބައޮތް ކަމަށާއި މީގެ ތެރޭގައި 10 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަކަށް މަސައްކަތް ހުއްޓިފައިވާ ތަންތަން ހިމެނޭކަމަށް އަމީން ވިދާޅުވިއެވެ.
މިހާތަނަށް މިކަންކަމާއި ގުޅިގެން އެކަށީގެންވާ ފިޔަވަޅެއް ކުރީ ސަރުކާރުތަކުން އެޅިފައިނުވާކަން ފާހަގަކުރައްވައި، އަމީން ވިދާޅުވީ، އެގްރީމަންޓްތަކުގެ ދަށުން ތަންތަން ހަވާލުކުރަނީ ވަކި މުއްދަތެއްގެ ތެރޭގައި ތަރައްގީކޮށް ހުޅުވުމަށް ކަމަށާއި، އެ ތަންތަން ނުހުޅުވުމުގެ ސަބަބުން ދައުލަތަށް ލިބެންޖެހޭ އާމްދަނީ ނުލިބި އެބައޮތް ކަމަށް.
ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ރަށްރަށާއި ފަޅުތަކާއި އަދި ބިންތަކުގެ ތެރެއިން، ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ނުނިމި ހުރި ތަންތަނާ މެދު އަމަލުކުރާނެ އުސޫލުތައް ބަޔާންކުރާ ގަވާއިދު ޓޫރިޒަމް މިނިސްޓްރީން ގެޒެޓުގައި ޝާއިއުކޮށްފައިވަނީ މިދިޔަ މަހުގެ 10 ގައެވެ. މިގޮތުން، ސީޕީ ރެގިއުލޭޝަން ހަތަރު ކެޓަގަރީއަކަށް ބަހާފައި، އެއްބަސްވުންތައް ބާތިލުކުރެވޭނެ ގޮތްތައް ކަނޑައަޅައި ނެރުނު އުސޫލަށް އަންނަ ހަފްތާތެރޭގައި ފިޔަވަޅު އަޅަން ފަށާނެ ކަމަށް އަމީން ވިދާޅުވިއެވެ.

