ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
40 ޕަސަންޓް މަރުކަޒީ ބޭންކަށް މާރުކުރަން މަޖުބޫރު ކުރުމަކީ، އިންވެސްޓަރުންގެ އިތުބާރަށާއި ޓޫރިޒަމްގެ ދާއިރާގެ ދިގު މުއްދަތުގެ ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށާއި، ރާއްޖޭގައި ހިންގާ ގިނަ ރިސޯޓުތަކަކީ ބޭރު ފައިސާއިން ބޮޑެތި ލޯނުތަކާއި ދަރަނިތައް ދައްކަންޖެހިފައިވާ ތަންތަން ކަމަށެވެ. އަދި ދައުލަތަށް މާރުކުރަން މަޖުބޫރުކުރުމަކީ އިގުތިސާދީ ގޮތުން ނޭދެވޭ ބޮޑެތި ނަތީޖާތަކެއް ނުކުމެދާނެ ސިޔާސަތެއް ކަމަށްވެސް ވިދާޅުވިއެވެ.
ބޭރުގެ އިންވެސްޓަރުން ރާއްޖެއަށް އިންވެސްޓްކުރަން ޝައުޤުވެރިވީ ރާއްޖެއިން ރަނގަޅު ފައިދާއެއް ނެގޭނެ ފުރުޞަތު އޮތުމުން ކަމަށާއި، މިފަދަ ފިޔަވަޅުތަކުގެ ސަބަބުން އެ ފުރުޞަތުތަކަށް ހުރަސްއެޅި، އިންވެސްޓަރުންގެ އިތުބާރު ގެއްލިގެންދާނެ ކަމަށ ެވެ.
މީގެ އިތުރުން މިއީ ފަތުރުވެރިކަމުގެ ދާއިރާގެ ދިގު މުއްދަތުގެ ހަމަޖެހުމަށް ވެސް ނުރައްކާވާނެ ކަމެއް ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ނަޝީދު މިހެން ވިދާޅުވެފައިވާއިރު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު މުނައްވަރު އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވިދާޅުވީ ރިސޯޓްތަކަށް ޑޮލަރުން ލިބޭ އާމްދަނީގެ 40 ޕަސެންޓް ރާއްޖޭގެ ބޭންކުތަކަށް މާރުކުރަން ޖެހޭ ގޮތަށް ބޭރު ފައިސާގެ ގާނޫނު އިސްލާހު ކުރަން ހުށަހެޅަން ތައްޔާރުވަމުންދާ ކަމަށެވެ.
މިގޮތުން ޤާނޫނުގައި 20 އިންސައްތައިގެ ގޮތުގައި ކަނޑައެޅިފައި އޮތް ނިސްބަތް 40 އިންސައްތައަށް މަތިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުވެފައިވާ ކަމަށާއި، ކުރިން ކޮންމެ ތިން މަހަކުން އެއްފަހަރު ޑޮލަރު މާރުކުރުމަށް އޮންނަ މުއްދަތު ވެސް ކޮންމެ މަހަކު އެއްފަހަރު މާރުކުރަންޖެހޭ ގޮތަށް ބަދަލުކުރުމަށް ވެސް އިސްލާހުގެ ތެރޭގައި ހިމެނޭ ކަމަށް ވެސް މުނައްވަރު ވިދާޅުވިއެވެ.

.jpg&w=256&q=75)
