އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލާއި، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކޮށްފިއެވެ.
މަޖިލީހުގެ ތަޅުމުގައި މިއަދު ނެގި ވޯޓުގައި އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 65 މެންބަރުންގެ އިއްތިފާޤުންނެވެ. އަދި މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 66 މެންބަރުންގެ އިއްތިފާޤުންނެވެ.
ޖީއެސްޓީ ބިލަށް އިދިކޮޅު އެމްޑީޕީގެ ފަރާތުން ތިން އިޞްލާޙެއް ހުށަހެޅި ނަމަވެސް، މަޖިލީހުގެ ތަޅުމުން އެ އިޞްލާޙުތައް ފާހެއް ނުވިއެވެ.
މި ދެ ބިލަކީވެސް ސަބް ކޮމިޓީން ދިރާސާކޮށް ނިންމި ގޮތަށް މުޅި މަޖިލީހުގެ ކޮމިޓީން ފާސްކުރުމަށްފަހު، ތަޅުމަށް ހުށަހަޅައިގެން ފާސްކުރި ދެ ބިލެވެ.
އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް ގެންނަ އިޞްލާޙުގެ މައިގަނޑު ބޭނުމަކީ، ޓެކްސް ދައްކަންޖެހޭ އާމްދަނީ ހިސާބުކުރުމުގައި ޓެކްސް ދައްކާ ފަރާތްތަކުން އުނިކުރާ އިންޓްރެސްޓްގެ މިންގަނޑުތަކާއި އުސޫލުތައް މުރާޖަޢާކުރުމެވެ.އިންޓްރެސްޓް ކެޕޭސިޓީގެ ގޮތުގައި ބަލާނީ ޓެކްސް ހިސާބުކުރާ މުއްދަތުގައި އެ ފަރާތެއްގެ ޓެކް-އެބިޓްޑާގެ 25 އިންސައްތަ ކަމަށް މި ބިލުގައި ބަޔާންކޮށްފައިވެއެވެ.މީގެ އިތުރުން މިހާރު ޢަމަލުކުރަމުންދާ ޤާނޫނުގައި ހުރި ބައެއް ބައިތައް އުނިކުރުމަށްވެސް ބިލުގައި ވަނީ ހިމަނާފައެވެ.
ޖީއެސްޓީ ޤާނޫނަށް އިޞްލާޙު ގެނައުމަށް ކޮލަމާފުށީ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ހުށަހެޅުއްވި ބިލުގެ މަޤްޞަދަކީ، ޓެކުހަށް މަކަރުހެދުމުގެ ސަބަބުން ދައުލަތަށް ލިބެންޖެހޭ ގިނަ ޢަދަދެއްގެ ފައިސާ ނުލިބިވާ މައްސަލައަށް ޙައްލެއް ހޯދުމާއި، ޖީއެސްޓީ ނުދައްކާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ ނިޒާމު ހަރުދަނާކުރުމެވެ. އަދި ވިޔަފާރިތަކަށް މިހާރު ދިމާވާ ދަތިތައް ޙައްލުކުރުމަށްޓަކައި ޤާނޫނުގައި ހުރި ބައެއް ކަންކަން އުނިކުރުމާއި، އިންބައުންޑް ޓޫރިޒަމަށް ހުރި ހުރަސްތައް ނައްތާލައި ޓެކްސް ނިޒާމު އިތުރަށް ހަރުދަނާކުރުންވެސް މި އިޞްލާޙުތަކުގެ ތެރޭގައި ހިމެނެއެވެ.
މި އިޞްލާޙަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ 1 ޖެނުއަރީ 2027 އިން ފެށިގެންނެވެ. އަދި މި ބަދަލު ތަންފީޒުވާން ފެށުމުން ދައުލަތަށް އާމްދަނީގެ ގޮތުގައި 496،300،302 ރުފިޔާ ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.

