ސަރުކާރުގެ 2.0 ގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށްޓަކައި އޮންލައިން ޕްލެޓްފޯމް "ވަންގަވް" އަދި "އީފާސް" ބޭނުންކޮށްގެން، އެމްޑަބްލިއު އެސްސީގެ ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ލުއިފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި، ކުންފުނީގެ އީ-ޕޯޓަލް އަޕްގްރޭޑްކޮށް އައު ފީޗާތަކާއެކު ލޯންޗުކޮށްފިއެވެ.
އެ ކުންފުނިން ބުނީ 29 ނޮވެމްބަރު 2026 އިން ފެށިގެން މި އައު ކަސްޓަމަރ ސާވިސް އީ-ޕޯޓަލް ބޭނުންކުރެވޭނެ ކަަމަށެވެ.
މި ބަދަލާއެކު، ކަސްޓަމަރުންނަށް ރައްކާތެރިކަމާއި ފަސޭހަކަމާއެކު، އަމިއްލަ ޕްރޮފައިލެއް ހެއްދެވުމަށްފަހު، ޚިދުމަތްތަކަށް އެދި ހުށަހެޅުއްވުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން، ޕޯޓަލްއަށް ލޮގިންވެ ވަޑައިގެންނެވޭނީ "އީފާސް" މެދުވެރިކޮށް ކަމަށެވެ.
އައު ޕޯޓަލް މެދުވެރިކޮށް ޚިދުމަތްތަކަށް އެދިލައްވާނެ ގޮތުގެ މަޢުލޫމާތު ފޯރުކޮށްދިނުމަށް ޚާއްޞަ ޓިއުޓޯރިއަލް ވީޑިއޯތައް ކުންފުނީގެ މީސްމީޑިއާ (ސޯޝަލް މީޑިއާ) މަންސަތަކުގައި ހިއްސާކުރެވެމުންދާނެ ކަމަށާއި، މީގެއިތުރުން، ޕޯޓަލް ބޭނުންކުރެއްވުމުގައި އެއްވެސް ދަތިކަމެއް ދިމާވެއްޖެނަމަ، ނުވަތަ އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، ކުންފުނީގެ ހޮޓްލައިން 1575 އަށް ގުޅުއްވުމުން އެހީތެރިކަން ލިބިވަޑައިގަންނަވާނެ ކަމަށެވެ.
އެމް.ޑަބްލިއު.އެސް.ސީގެ އަމާޒަކީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ކަސްޓަމަރުންނަށް ވީހާވެސް އަވަސް އަދި އިތުބާރުހުރި ޚިދުމަތްތަކެއް އަބަދުވެސް ފޯރުކޮށްދިނުން ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

