ރައީސް ޑރ. މުހައްމަދު މުއިއްޒު ފުރަމާނަ ދަތުރުފުޅެއްގައި އަންނަ ޑިސެމްބަރު މަހު ބަންގްލަދޭޝް އަށް ވަޑައިގަންނަވަން ނިންމަވައިފި އެވެ.
ބަންގްލަދޭޝް ސަރުކާރުގެ އިސް އޮފިޝަލަކާ ހަވާލާދީ، އެ ގައުމުގެ ދަ ބިޒްނަސް ސްޓޭންޑާޑް ނޫހުން އިއްޔެ ބުނީ ރައީސް މުއިއްޒު ޑިސެމްބަރު 13 އިން 16 އަށް ބަންގްލަދޭޝްއަށް ވަޑައިގަންނަވާނެ ކަމަށާއި އެ ދަތުރުފުޅާ ގުޅޭ ކަންކަން ދެ ގައުމުން މަޝްވަރާކޮށް ނިންމަމުން އަންނަ ކަމަށެވެ.
ބަންގްލަދޭޝްގެ ބޮޑުވަޒީރު ތޯރިގް ރަހްމާން ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވަން ރައީސް މުއިއްޒު މިދިޔަ ފެބްރުއަރީ މަހު އެ ގައުމަށް ވަޑައިގެންނެވި އެވެ.
ބަންގްލަދޭޝްގެ ނޫސްތަކުން ބުނާގޮތުގައި، އެ ގައުމުން އަންނަނީ ރާއްޖެއާ ދެމެދު އޮންނަ ގުޅުން ބަދަހިކުރަން އިސްކަންދެމުންނެވެ. ދެ ގައުމުގެ ގުޅުން އިތުުރުކުރުމާ އެކު، އެ ގައުމުގެ މަސައްކަތު މީހުންނަށް ފުރުސަތު އިތުރު ކުރުމަށް ވެސް މަސައްކަތްކުރާ ކަމަށް ބަންގްލަދޭޝްގެ މީޑިއާއިން ބުންޏެވެ.
ދަތުރުފަތުރު އިތުރުކުރުމާއި ބައިނަލްއަގުވާމީ ދާއިރާއިން މަސްލަހަތު ހުރި ކަންކަމުގައި އެއްބާރުލުން އިތުރު ކުރުމަކީ ވެސް ރާއްޖެއާ އެކު ބަންގްލަދޭޝް އިން ގުޅުން ބަދަހިކުރުމުގެ އަމާޒެއް ކަމަށް ބަންގްލަދޭޝްގެ ނޫސްތަކުން ބުނެފައި ވެ އެވެ.
ރައީސް މުއިއްޒު ވަނީ މި މަހުގެ ކުރީކޮޅު ޕާކިސްތާނަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވައި ދެ ގައުމުގެ ގުޅުން އާ ހަރުފަތްތަކަށް ގެންގޮސް ދެއްވައިފަ އެވެ. އެއީ ރާއްޖޭގެ ރައީސަކު މިދިޔަ 11 އަހަރުގެ ތެރޭގައި ޕާކިސްތާނަށް ކުރެެއްވި ފުރަތަމަ ދަތުރުފުޅު ވެސް މެ އެވެ.

