ޑެންގީ ހުން ފެތުރެމުންދާތީ ރައްޔިތުން ސަމާލުވުމަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުން އަންގައިފިއެވެ.
އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުން ކުރި އިއުލާނުގައި ވަނީ ޑެންގީ ހުން ފެތުރެމުންދާ މިންވަރު އިތުރުވަމުންދާތީ ޑެންގީ ހުން ފަތުރާ މަދިރީގެ ކިބައިން ރައްކާތެރިވުމަށް އިލްތިމާސްކޮށްފައެވެ.
ޑެންގީ ވައިރަސް ފެތުރެނީ ޑެންގީ ޖެހިފައިވާ މީހެއްގެ ގައިގައި އީޑީސް މަދިރި ހެފުމަށްފަހު، އެ މަދިރި ގޮސް އަނެކާގެ ގައިގައި ހެފުމުންނެވެ.
ޑެންގީ ހުމުން ރައްކާތެރިވުމަށްޓަކައި ފެން ހަރުލާ ތަކެތި ގޯތި ތެރެއަށާއި މަގުމައްޗަށް އުކާނުލައި އެ ފަދަ ތަކެތި ނައްތާލައި، މަދިރިން ރައްކާތެރިވުމަށްޓަކައި ހަށިގަނޑު ރަނގަޅަށް ނިވައިވާގޮތަށް ހެދުން އެޅުމައް ސަމާލުކަމެއް ދޭންޖެހެއެވެ. މަދިރި ލޯޝަނާއި ސްޕްރޭ އަދި މޮސްކިޓޯ ރެޕަލެންޓު ބޭނުންކުރެވިދާނެއެވެ. މީގެ އިތުރުން މަދިރި އެންމެ ގިނަވާ ގަޑިތައް ކަމުގައިވާ، ހެނދުނު އިރު އަރާ ގަޑިއާއި އަދި ހަވީރު އިރުއޮއްސޭ ވަގުތު ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުން މުހުންމެވެ.
ޑެންގީ ހުމުގެ އަލާމާތްތަކުގެ ތެރޭގައި 39 ޑިގްރީ ސެލްސިއަސްއަށްވުރެ ހުން ގަދަވުން، ގަދައަށް ބޮލުގައާއި ގައިގައި ރިއްސުން، ލޮލުގައި އަދި ލޮލުގެ ވަށައިގެންވާ ސަރަހައްދުގައި ރިއްސުން، ހުޅުހުޅުގައި ރިއްސުމާއި އެކު ހުޅު ދުޅަވުން، ބަނޑުގައި ރިއްސުމާއި، މޭނުބައިކޮށް ހޮޑުލެވުން، މީ އެންމެ އާއްމުކޮށް ފެންނަ އަލާމާތްތަކެވެ.
އަދި ނުރައްކާތެރި އަލާމާތްތަކުގެ ތެރޭގައި އާދަޔާ ހިލާފަ ވަރުދެރަވުން، ހަށިގަނޑުގެ އެކި ތަންތަނުން (އާއްމުކޮށް ނޭފަތުން، ހިރުގަނޑުން އަދި ހަންގަނޑުން) ލޭ އައުން، ގަދައަށް ބަނޑުގައި ރިއްސުން ހިމެނެއެވެ.

